ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ހުޅުމާލޭގައި ތަރައްޤީކުރަން ވަރަށް އަވަހަށް ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިއަހަރަކީ ވަޤުފްގެ ދާއިރާއިން ރާއްޖޭގައި މުހިއްމު ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ އަހަރެއްކަމަށެވެ.
ސިޓީ ވަޤުފް އަދި އަތޮޅު ވަޤުފް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ވަޤުފަކީ ޚިލާފަތުގެ ދުވަސްވަރުން ފެށިގެން މިއަދާހަމައަށްވެސް އިސްލާމީ ދައުލަތްތަކުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތެއްކަމަށެވެ. އޭގެ ސަބަބުން ދީނުގެ ކަންކަމަށް ޚަރަދުކޮށް ރައްޔިތުންގެ ކުރިއެރުމަށް ހޭދަކުރުމަށް ދައުލަތްތަކަށް ފައިސާ ލިބި އޭގެ ސަބަބުން ރަނގަޅު ނަތީޖާ ނުކުންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިގޮތުން މާލޭގައި މިހާރު ހުރި ވަޤުފް ޢިމާރާތް، ދާރުލް އިމާންއިން އަހަރަކު ގާތްގަނޑަކަށް 6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭއިރު އެއީ މިސްކިތްތަކުގެ އާބާތުރަފިލުވުމަށާއި ތަރައްޤީއަށް އެއްކުރެވޭ ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤްފް ޢިމާރާތް ހުޅުމާލޭގައި ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދާރުލް އިމާންއިން އަހަރަކު އެވަރަށް ލިބޭއިރު އޭގެ ދެތިން ޢިމާރާތް ތަރައްޤީކުރެވިއްޖެނަމަ، މިސްކިތްތައް ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުވެގެންދާނެ. އެހެންކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ހުޅުމާލޭގައި ތަރައްޤީކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ މިޢިމާރާތް ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން މިހާރު ތަރުތީބުކުރަމުންދާކަމަށެވެ. އަދި ނިމިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަޙައްދުތައި އިތުރު ވަޤުފް ޢިމާރާތެއް ތަރައްޤީކުރުމަށްޓަކައި ކެބިނެޓުން ނިންމަވާފައިވާތީ އެކަމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެޢިމާރާތަށް ކިޔުމަށް މިހާރު ނިންމާފައިވަނީ ދާރުލްއަރުޤަމްކަމުގައި ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޤުފްގެ ގިނަ މަޝްރޫޢުތަކެއް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ދަށުން ކުރިއަށްގެންދަން ނިންމަވަފައިވާކަމަށެވެ. މިގޮތުން މިމަސައްކަތްތައް ކުރުމަށް އިސްލާމިކް ބޭންކްތަކާއި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމަށް ވިސްނުންފުޅު ގެންގުޅުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން އެވުޒާރާއިން އިކުއިޓީ ފޯރުކޮށްދޭގޮތަށް އިސްލާމިކް ބޭންކްތަކާއި ގުޅިގެން މަޝްރޫޢުތައް ހިންގުމަށް ރާވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.