ޚަބަރު

ފައިލޭރިއާއަށް ޓެސްޓްކުރުމުގެ ޙަރަކާތެއް އަންނަ ހަފްތާގައި ފަށްޓަވަނީ


  • ބިދޭސީންނާއި ދިވެހިންނަށްވެސް ޓެސްޓްކުރެވޭނެ

  • ވަކި އޭޖް ކެޓަގަރީއެއް ހަމަޖައްސާނެ

  • މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ޓެސްޓްކުރުމުގެ ހަރަކާތް ކުރިއަށްގެންދާނެ

ފައިލޭރިއާ ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމަވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެޗްޕީއޭއިން މިހަރަކާތް ކުރިއަށް ގެންދަނީ ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ބަލި އިތުރު ބަޔަކަށް ޖެހިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުންނެވެ.

މިހަރަކާތުގައި ފުރަތަމަ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެޗްޕީއިން ވިދާޅުވީ މިހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 70 ރެންޑަމް ސާމްޕަލް ޓެސްޓް ކުރުމަކީ އަމާޒެއްކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭގޮތަށް ކަމަށާއި ބައްޔަށް ސްކްރީން ކުރުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ.

ފައިލޭރިޔާއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމަށް ވުމުން އެފަދަ ބަލިތައް މަދުކުރުމުގެ ގޮތުން "މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ހަރަކާތެއްވެސް ވަނީ ފަށާފައެވެ.

ރާއްޖެއިން މިހާރު ފެންނަމުންދާ ގައިންގަޔަށް އަރާ ބަލިތަކަކީ ރާއްޖެ އެތެރެވާ ބިދޭސީންގެ ފަރާތުން ފެންނަ ބަލިތަކަށްވުމުން ބަލިތައް މަދުކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެވާއިރު މެޑިކަލް ޗެކަޕް ހަދަންޖެހޭގޮތަށް ނިންމަވާފައެވެ.

ފައިލޭރިޔާ ބައްޔާ ގުޅިގެން ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ ރާއްޖޭގައި ފައިލޭރިއާއަށް ޓެސްޓްކުރުމަށް ކިޓްތަކާއި ފަރުވާއަށް ބޭނުންވާ ބޭސް އެބަހުރިކަމަށެވެ. އަދި ބޭހާއި ޓެސްޓިން ކިޓް އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.