ޚަބަރު

ވާރކް ޕާމިޓް ދެން ދޫކުރާނީ "ވާރކް ޕަރމިޓް މެޑިކަލް" ރިޕޯޓް ހުށައެޅުމުން


  • އެތެރެވާ ބިދޭސީން 15 ދުވަސް ތެރޭ ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ

  • ކުރިން މެޑިކަލް ރިޕޯޓް ހުށަނާޅާ ފަރާތްތަކުން 4 ޖުލައިގެ ކުރިން ހުށައަޅަންޖެހޭނެ

  • މެޑިކަލް ރިޕޯޓް ހުށަނާޅާނަމަ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ

މިއަދުން ފެށިގެން ވަރކް ޕަރމިޓް ދޫކުރާނީ "ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވޭ ބިދޭސީން، ރާއްޖެ އައުމަށްފަހު ވަރކް ޕަރމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވި ދަތިތަކުގެ ސަބަބުން ވަރކް ޕަރމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކުރަމުން ގެންގޮސްފައިވެއެވެ.

ނަމަވެސް މިއަދުން ފެށިގެން ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރާނީ އަދި ވަރކް ޕަރމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕަރމިޓްގެ މުއްދަތު އިތުރުކުރުމަށް ވަރކް ޕަރމިޓް ފީ ދެއްކޭނީ، "ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް އެވުޒާރާއިންވަނީ ވިދާޅުވެފައެވެ. މިވަގުތު ވަރކް ޕަރމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވަރކް ޕަރމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން ކަމަށްވެސް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، ޞިއްޙަތާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓަށް ބޭނުންވާ މެޑިކަލްއާ ނުލައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޖުލައި 4 ގެ ކުރިން ހުށައަޅަންޖެހެއެވެ. މި މުއްދަތާއި ހަމައަށް ވަރކް ޕަރމިޓް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ފެބްރުއަރީ 04 ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވަރކް ޕަރމިޓް ކެންސަލް ކުރެވޭނީ، ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމައެވެ. މިމުއްދަތު ހަމަވެފައިވާނަމަ، ވަރކް ޕަރމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދުގެ ދަށުން 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.