ޚަބަރު

ޕްރައިމަރީއަކާ ނުލައި މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޓިކެޓް 36 ކެންޑިޑޭޓަކަށް ކަށަވަރުވެއްޖެ


  • ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުންނާއި، ދާއިރާތައް އެމްޑީޕީންވަނީ އާންމުކޮށްފައި

  • ދެން ހުރި ދާއިރާތަކަށް ވާދަކުރާ ފަރާތްތައްވެސް ވަރަށް އަވަހަށް އިއުލާންކުރާނެ

  • މިއަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ

މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި 36 ކެންޑިޑޭޓަކަށް ކަށަވަރު ވެއްޖެއެވެ.

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަން އެޕާޓީންވަނީ ހާމަކޮށްފައެވެ. އެމްޑީޕީން ބުނީ މިފަރާތްތަކަށް ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުވެފައިވާކަމަށެވެ. ޓިކެޓް ކަށަވަރުވެފައިވާ ފަރާތްތަކުގެ ތެރޭގައި ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެޕާޓީ ތަމްސީލްކުރެއްވި ބައެއް މެމްބަރުންވެސް ހިމެނެއެވެ.

އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައްވެސް ޤައުމީ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް ފަހުގެ ތާރީޚެއްގައި އިއުލާންކުރާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުކަމަށް އެޕާޓީން ކުރިންވަނީ ބުނެފައެވެ. ނަމަވެސް، ޕްރައިމަރީ ބޭއްވުމަށް ސްކޫލްތަކުގެ ހޯލުތައް ބޭނުންވާތީ، ހޯލު ލިބޭ ގޮތަކުން، ޕްރައިމަރީ ބާއްވާ ދުވަހަށް ބަދަލު އަތުވެދާނެ ކަމަށް އެޕާޓީންވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހަށް އެކި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާއި ޕްރައިމަރީތައް ބޭއްވުމުގެ ކަންކަން ވަރަށް ފޯރީގައި ދަނީ ކުރިއަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. އަދި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާއްމު ކުރައްވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އިތުރު 6 ދާއިރާއާއެކު މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެއެވެ. ނިމުނު ރައްޔިތުންގެ މަޖިލީހުގައި ތިބީ 87 މެމްބަރުންނެވެ. 6 ދާއިރާ އިތުރުކުރެއްވީ އާބާދީއަށް ބެލުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.