ޚަބަރު

"އިސްލާމީ ރިސާލަތު" ކުރިއަށް އޮތް 4 އަހަރުވެސް ކުރިއަށްގެންދާނެ: ޑރ. ޝަހީމް


  • މި ޕްރޮގްރާން މުޅި ރާއްޖޭގައި ކުރިއަށްގެންދާނެ

  • އެކި މީޑިއަމްތައް މެދުވެރިކޮށް ދީނީ މަޢުލޫމާތުތައް ހިއްސާކުރާނެ

  • މީޑިއާތަކުން ދީނީ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު ސްޕޮންސަރ ކޮށްދޭނެ

ކުރިއަށް އޮތް 4 އަހަރުވެސް، އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ "އިސްލާމީ ރިސާލަތު" ޕްރޮގްރާމް ކުރިއަށް ގެންދަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "އިސްލާމީ ރިސާލަތު" ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްރޮގްރާމަކީ އިސްލާމީ ސައްޙަ އަޤީދާގެ މައްޗަށް ޒުވާނުންނާއި މުޖުތަމައުގެ އެންމެހާ ރައްޔިތުން ތަރުބިއްޔަތު ކުރުުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާ ޕްރޮގްރާމްއެކެވެ.

"ރިސާލާތު" ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް ޢަޤީދާ ވަރުގަދަކުރުމާއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ ބޭނުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޝަހާދަތުގެ ދެކަލިމަ، ނަމާދު، ޒާކާތް، ރޯދަ، ޙައްޖު، މާތް ﷲ އަށް އީމާންވުން، މަލާއިކަތުންނަށް އީމާންވުން، ފޮތްތަކަށް އީމާންވުން، ރަސޫލު ބޭކަލުންނަށް އީމާންވުން އަދި އިޙްސާންކަމުގެ މުހިއްމު ފިލާވަޅުތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މި ފިލާވަޅުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިސްކިތްތަކުގައި ދޭ ޚުތުބާތަކުގައާއި ދަރުސްތަކުގައެވެ. އަދި މިޑިއާ ޕްރޮގްރާމްތަކާއި، ފޯރަމްތަކާއި، ސެމިނަތަކުގައިވެސް މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތައް ހިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި އުމްރާ ޓުއަރތައް ކުރިއަށްގެންގޮސް، މައްކާ މަދީނާގައިވާ ތަންތައް ދައްކާލުމާއި، އެތަންތަނާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. އަދި ސްކޫލް އެގްޒިބިޝަން، ފެއަރތަކާއި މުބާރާތްތައް ބެއްވުމުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މަޢުލޫމާތުތައް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ޕްރޮގްރާމް މިއަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ޕްލޭންގައި އިސްލާމްދީނުގެ ރުކުންތަކާއި، އުންމަތައް ބޭނުންވާ މުހިންމު ފިލާވަޅުތަކެއް ގެނެސްދެއްވާނެކަމަށެވެ.

"މި ޕްރޮގްރާމް އެންމެ މުހިންމުވާ ސަބަބަކީ އިސްލާމްދީނުގައި ކޮންމެހެން އެނގެންޖެހޭ ކަންކަންތައް އަންގައިދިނުމާއި ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކުރުން. ޒުވާނުންގެ އަޤީދާ ހަރުދަނާކޮށް ވަރުގަދަކުރުމަށް އިސްލާމްދީނުގެ ތެރޭގައި ހުރި މުހިންމު ކަންކަމަށް ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް މި ޕްރޮގްރާމުން އެހީތެރިވެދޭނެ." ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ޓީޗަރުންނާއި ދަރިވަރުންނާއި މުޖުތައުގެ އެންމެހައި ފަރާތްތަކަށް އަމާޒުކޮށްގެންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަކޮށްގެން އެކުދިންގެ އުމުރާއި ގުޅޭގޮތަށް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ވިދާޅުވީ، މި ޕްރޮގްރާމްގެ ސަަބަބުން އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް އުފެދިގެން ދިއުމާއި ފަރުޞު 5 ނަމާދަށް ސަމާލުކަންދީ ޖަމާއަތްތަކުގައި ނަމާދުކުރާ މުޖުތަމަޢުއެއް ބިނާ ކުރުމަކީ ހާސިލްކުރަން ބޭނުންވާކަމެއްކަމަށެވެ.

މީގެ އިތުރުން ހަރުދަނާ އަޤީދާއެއްގެ މަތީގައި ޘާބިތުވެފައިވާ ޖީލެއް ބިނާވެގެން ދިއުމާއި، މާތް ﷲ އަށްޓަކައި ލޯބިކޮށް މާތް ﷲ އަށްޓަކައި ވަކިވެދާ ޖީލެއް އުފެދިގެން ދިއުމާއި ކީރިތި ރަސޫލާއަށާއި އެކަލޭގެފާނުގެ އަހުލުބައިތުންނާއި އަޞްހާބު ބޭކަލުންނަށް ލޯބިކުރާ މުޖުތަމަޢުއެއް އުފެއްދުމަކީވެސް މި ޕްރޮގްރާމުން ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެވެ.

މި ޕްރޮގްރާމުން އިސްލާމްދީނުގެ ރުކުންތަކަށް ޢަމަލުކުރާ އީމާންކަމުގެ ރުކުންތައް ޤަބޫލުކުރާ ޖީލެއް ބިނާ ކުރުމާއި އެއްބައިވަންތަ މުޖުތަމަޢުއެއް ހާސިލްކުރަން ބޭނުންވާ ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.