ރިޕޯޓް

ހުރާ ފެރީގެ ޚިދުމަތް - ރައްޔިތުންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް!


ކ. ހުރާގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު އެއްފަސޭހައަކީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މާލެއާއި އެ ރަށާ ދެމެދު ދަތުރުކުރެވޭނެ ހަރުދަނާ ފެރީގެ ނިޒާމެއް އެރަށުގައި ޤާއިމުވެފައި އޮތުމެވެ.

ބޮޑު ފައިދާއެއް ހޯއްދެވުމުގެ ބަދަލުގައި، ހުރާ ކައުންސިލްގެ ފަރާތުން މި ޚިދުމަތް ރައްޔިތުންނަށް ދެއްވަނީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައިގެންނެވެ. އަދި ރައްޔިތުންގެ ޚާއްޞަ ބޭނުންތަކަށް ޝެޑިއުލް ދަތުރުތަކުގެ އިތުރަށް ފަސޭހަގޮތަކަށް ފެރީގެ ދަތުރުތައް ހަމަޖައްސައިދޭތީ އެކަން އެރަށު ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. img:http://s2.psmnews.mv/images/660x400/14602141816661.jpg||ކ. ހުރާ ފެރީގެ ޚިދުމަތް ދިނުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަ ގޮތުންނާއި ކޮންމެ ރަށެއްގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ނުހުންނާތީ، ދަތުރުފަތުރުގެ ނިޒާމަކީ ކޮންމެ ރަށަކަށްވެސް ބޭނުންވާ ވަރަށް މުހިއްމު އަސާސީ ޚިދުމަތެކެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް ވެރިރަށް މާލެއަށް ދަތުރުކުރުމުގައި ބައެއް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ ތަކުލީފުތަކެއް އުފުލުންޖެހެއެވެ. ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ދަތުރުފަތުރުގެ ޚިދުމަތް ސަރުކާރުގެ ފަރާތުން ހަމަޖައްސަވައިދެއްވާއިރު، އަނެއްބައި ސަރަޙައްދުތަކުގައި މި ޙިދުމަތް ދެވެމުންދަނީ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުންނެވެ.

އެގޮތުން ރަށު ކައުންސިލުން ރަނގަޅު ފެންވަރުގައި ފެރީގެ ޚިދުމަތް ދެއްވާ އެއްރަށަކީ ކ. ހުރާއެވެ. އެރަށުގައި ޤާއިމު ކުރެވިފައިވާ ފެރީގެ ނިޒާމަކީ ލާމަސީލު މިސާލެއްގެ ގޮތުގައި އެރަށު ރައްޔިތުން ފާހަގަކުރެއެވެ. އެކި ބޭނުންތަކަށް ވެރިރަށް މާލެއަށް މިރަށު ރައްޔިތުން ދަތުރުކުރުމަށްޓަކައި ހުރާ ކައުންސިލްގެ ފަރާތުން ފެރީގެ ޚިދުމަތް ދެއްވަމުން ގެންދަވަނީ ވަރަށްވެސް ހެޔޮ އަގެއްގައެވެ. ކުޑަ ކުޑަ ދޯންޏެއްގައި ފުރަތަމަ ފެށި މި ޚިދުމަތް ތަރައްޤީކުރައްވަމުން އައިސް، ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު އެރަށުގައި ބޭނުންކުރައްވަނީ 110 މީހުންގެ ޖާގައިގެ، ފައިބަރު ދޯންޏެކެވެ. img:http://s1.psmnews.mv/images/660x400/14602142077041.jpg||ކ. ހުރާ ފެރީގެ ޚިދުމަތް ދިނުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ޕީ.އެސް.އެމްއާއި ވާހަކަ ދައްކަވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙުމަދު ވިދާޅުވީ، ފެރީގެ ޚިދުމަތް ދެއްވުމުގައި ކައުންސިލްގެ ފަރާތުން 2 ކަމަކަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ޢާންމުކޮށް ކޮންމެ ދުވަހަކު ކުރައްވާ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް ރަށުގެ ރައްޔިތަކު މާލޭގައި ނިޔާވެއްޖެނަމަ، ޢާއިލާގެ މެމްބަރުންނަށް އެ މީހެއްގެ ޖަނާޒާއަށް މާލެ އައުމާއި، އަދި ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކަށް ޚާއްޞަ ދަތުރުތައް މުޅިން ހިލޭ ހަމަޖައްސަވައިދެއްވާކަމަށް އީސާ ވިދާޅުވިއެވެ.

ހުކުރު ދުވަސް ފިޔަވައި، ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނާއި ރޭގަނޑު، ހުރާ ކައުންސިލްގެ ފަރާތުން ފެރީގެ ޝެޑިއުލް ދަތުރުތައް ކުރައްވައެވެ. އަދި ހުކުރު ދުވަހަކީ ފެރީގެ މެއިންޓެނަންސް މަސައްކަތަށް ޚާއްޞަ ދުވަހެކެވެ. ކައުންސިލް ރައީސް އީސާ ވިދާޅުވީ، ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ މެދުކެނޑުމެއްނުދީ ރައްޔިތުންނަށް ޚިދުމަތް ދެއްވުން ކަމަށެވެ. އަދި ފެރީއަށް މައްސަލައެއް ދިމާވެއްޖެ ޙާލަތެއްގައި، ދޯންޏެއް ކުއްޔަށް ހަމަޖައްސަވައިގެން ނަމަވެސް ފެރީގެ ޚިދުމަތް ކުރިޔަށް ގެންދަވާކަމަށް އީސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ޚިދުމަތް ދެއްވުމުގައި ޢާއްމުންގެ ފަރާތުން ހުށަހެޅޭ މައިގަނޑު ޝަކުވާއަކީ އެމީހުންގެ ބޭނުންވާހާ މަދުވަގުތުކޮޅެއްގެ ތެރޭގައި ދަތުރުކުރެވޭވަރުގެ ދުވެލި ހަލުވި ފެރީއެއްގެ ޚިދުމަތް ނުލިބުން ކަމަށާއި، އެކަން ޙައްލުކުރެއްވުމަށްޓަކައިވެސް ކައުންސިލްގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. img:http://s1.psmnews.mv/images/660x400/14602141956091.jpg||ކ. ހުރާ ފެރީގެ ޚިދުމަތް ދިނުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ފެރީގެ ޚިދުމަތާ ގުޅޭގޮތުން ހުރާގެ ރައްޔިތުންނާ ވާހަކަދައްކާލުމުން، އެނގިގެންދިޔައީ ރައްޔިތުން މި ޚިދުމަތް ބަލައިގެންފައިވާ މިންވަރެވެ. ޚާއްޞަގޮތެއްގައި، ހެޔޮއަގުގައި، ފަސޭހަ އިންތިޒާމެއްގެ ތެރެއިން މި ޚިދުމަތް ލިބޭތީ އެކަމާ އުފާކުރާކަމަށް ހުރާ ރައްޔިތުން ބުނެއެވެ.

ޝެޑިއުލް ގަޑިތަކަކަށް ފެރީގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް، މީހަކު ބަލިވެގެން އެމެޖެންސީ ޙާލަތުގައި މާލެ ގެންދަން ޖެހިއްޖެނަމަ، ކައިރި ރިސޯޓްތަކުގެ އެހީތެރިކަން ހޯއްދަވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ބޭނުންކުރައްވާ ފެރީގެ އިތުރަށް ވަގުތު ސަލާމަތްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެއްވުމަށްޓަކައި ސްޕީޑް ލޯންޗެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހުރާ ކައުންސިލުން ހާމަކުރައްވައެވެ.

ރައްޔިތުންނަށް ދެއްވާ ޚިދުމަތުގެ އިތުރަށް، ފެރީގެ ޚިދުމަތް ދިނުމަށް މާލީގޮތުން ދެކޮޅުޖެއްސޭނެގޮތެއް މަގުފަހިކުރުމަށްޓަކައި ފޯސީޒަން ކުޑަހުރާ ރިސޯޓްގެ ފެރީގެ ދަތުރުތަކެއްވެސް ހުރާ ކައުންސިލުން އަންނަނީ ކޮށްދެއްވަމުންނެވެ.