ޚަބަރު

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފި


  • ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައިޔޫއެމްގެ ޑރ. އަލީ ޒާހިރު މަރުޙަބާ ދެންނެވި

  • ކުރިން ތިއްބެވި ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަސައްކަތް ފާހަގަކުރެއްވި

  • އައިޔޫއެމަށް އިތުރު ހީވާގިކަމަކާއި ކުރިއެރުމެއް ލިބުމަށް އެދޭކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ އެކަމަށްޓަކާ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ޙަފްލާގައެވެ. މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބައިވެރިވެވަޑަގެންފައިވެއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޑރ. އައިޝަތު ވަހީދާއާއި، އަޙްމަދު އަމީން މުޙައްމަދެވެ. ޑރ. އައިޝަތު ވަހީދާ ޢައްޔަންކުރައްވާފައިވަނީ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކެޑަމިކް އެފެއަރޒްގެ މަޤާމަށެވެ. އަދި އަޙްމަދު އަމީން މުޙައްމަދު ޢައްޔްނަކުރައްވާފައިވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، އުންމީދަކީ ޔުނިވަރސިޓީން ކުރާ މަސައްކަތުގައި އިތުރު ހީވާގިކަމާއި އިތުރު ކުރިއެރުމެއް ލިބިގެން ދިއުން ކަމަށެވެ. އަދި އިސްލާމީ ޔުނިވަރސިޓީގައި ކުރިން ހުންނެވި ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޑރ. ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ޔުނިވަރސިޓީއަކީ އެންމެން އެއްކޮށް މަސައްކަތްކުރަން ޖެހޭތަނެއް. އެންމެންގެ އެހީތެރިކަމާއެކު ކުރިއަށް ދާންޖެހޭ ތަނެއް. އެގޮތުން ޔުނިވަރސިޓީއެއްގެ އެންމެ މުހިންމު އެއް މަސައްކަތަކީ ކިޔަވައިދިނުމާއި ރިސާޗްގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދުން. އެކަންކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ފަރާތްތަކަކީ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި ޢައްޔަންކުރެވޭ ފަރާތްތައް." ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ވަނީ އިސްލާމީ ޔުނިވަރސިޓީގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އަލިއަޅުއްވާލައްވާފައެވެ. އަދި މިވަގުތު ޔުނިވަރސިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ޖާގައިގެ ދަތިކަން ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގެ އެހެން ކޮލެޖު، ޔުނިވަރސިޓީތަކުގެ ދަރިވަރުން ތަޢުލީމު ހާޞިލްކުރާ މާހައުލު ފަދަ މާހައުލެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ތަޢުލީމް ހާޞިލްކުރާ ދަރިވަރުންނަށް ބިނާކުރަން ޖެހޭކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށް ޢައްޔަން ކުރެއްވި އަޙްމަދު އަމީން މުޙައްމަދަކީ 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މާކެޓިން ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކެޑެމިކް އެފެއަރޒްގެ މަޤާމަށް ޢައްޔަންކުރެއްވި ޑރ. އައިޝަތު ވަހީދާއަކީ ބްރޫނާއީގެ ބްރޫނާއީ ދާރުއްސަލާމް އިން ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެކެޑެމިކްސް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.