ޚަބަރު

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސްގެ ބޯޑު މެންބަރަކަށްވުމަށް ހުޅުވާލައިފި


  • ބޯޑުގެ މެންބަރުންނަށް އެތުލީޓުންނާއި ޔުނިވަރސިޓީ އަދި ސާނަވީ ސުކޫލުތައް

  • ރައީސްގެ އަރިހުގައި މަސައްކަތްކުރުމުގެ ފުރުޞަތު

  • ބޯޑުގެ ނިންމުންތަކަށް ކެބިނެޓުގައި މަޝްވަރާކުރެވޭނެ

  • ޔޫތު އެޑްވައިޒަރީ ބޯޑުގައި ތިއްބަވާނީ 15 މެންބަރުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފު ކުރައްވާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން "ޕްރެޑިޑެންޝަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ބޯޑެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ މަހުގައެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބޯޑު މެންބަރަކަށްވުމުގެ ފުރުޞަތު މިހާރު މިވަނީ ހުޅުވާލާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން 2 މެންބަރުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ / ސިވިލް ސޮސައިޓީތަކުން 2 މެންބަރުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ. މިއިން ކޮންމެ ދާއިރާއަކުން އަންހެނަކާއި ފިރިހެނެއް ބޯޑު މެންބަރުކަމަށް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯޑު މެންބަރަކަށްވުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާހަމައަށެވެ.

ބޯޑުމެންބަރަކަށް ވުމަށް ހުށައަޅާ މީހުންނަނީ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރާއި 30 ދެމެދުގެ މީހެއް ކަމުގައިވުމާއި، ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވެސް ވާންޖެހެއެވެ. އަދި އެމީހަކީ ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިވެގެން ނުވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޔޫތު އެޑްވައިޒަރީ ބޯޑުގައި 15 މެންބަރުން ތިއްބަވާނެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ ބޭފުޅުންނާއި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީއާއި އަމިއްލަ ޔުނިވަރސިޓީއެއްގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސުންނާއި ޤައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން ހޮވާލެވޭ ދެ މެންބަރުން ތިއްބަވާގޮތަށް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ ޒުވާނުންނަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޖަމިއްޔާތައް ތަމްސީލް ކުރައްވާ ދެ މެންބަރުންނާއި ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލުކުރައްވާ ދެ މެންބަރުންނާއި މަތީ ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ހިމެނޭނެއެވެ.

މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުންގެ ތެރެއިން މެންބަރެކެވެ. މި ބޯޑުގެ މެންބަރުންނަށް ޚާއްސަ ބެޖެއް ތަޢާރަފު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.