ޚަބަރު

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް


  • މިކުންފުނީގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏެއް ހިމެނޭ

  • ކުންފުނި އުފައްދާ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތްދަނީ ކުރަމުން

  • މިކުންފުނީގެ ދަށުން ރާއްޖެއަށް މުދާ އެތެރެކޮށް އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ މަސައްކަތް ކުރާނެ

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްސަދުގައި ޚާއްސަ މެންޑޭޓަކާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ކެބިނެޓަށް ހުށައަޅާފައިވާ ކަރުދާހަކަށް މަޝްވަރާކުރައްވާ ވަޒީރުންގެ މަޖިލީހުން ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ނިންމަވާފައެވެ.

ރާއްޖޭގެ އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ރާއްޖޭގައި ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް އަމާޒުކޮށް އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ޕްރޮސެސް ކުރިއަށްގެންދިޔުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން އުފައްދާ ކުންފުންޏަކީ ސަރުކާރު ހިއްސާވާ 5 ކުންފުނީގެ މައްޗަށް އެކުލަވާލެވޭ ކުންފުންޏެއްކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިކުންފުނީގެ ދަށުން ރާއްޖެއަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ އެތެރެކޮށް އަވައްޓެރި ޤައުމުތަކަށް ރީއެކްސްޕޮޓްކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ.

"މި ފްރީ ޓްރޭޑް ސަރަޙައްދު ކަނޑައަޅާއިރު އެއަރޕޯޓް އަދި ޕޯޓް ހިމެނޭ ސަރަޙައްދަކުން މިޒޯން ކަނޑައަޅައިގެން ކުރިއަށްގެންދިޔުމަށްވަނީ ނިންމަވާފައި. ކުންފުނީގެ ވިޔަފާރި ފެށުމަށް ބޭނުންވާނެ ބިން ހަމަޖެއްސުމަށްޓަކައި ތިލަފުއްޓާއި ގިރާވަރުފަޅު ބެއްލެވުމަށްފަހު އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށްވަނީހަމަޖެހިފައި." ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. މި 5 ކުންފުންޏާއެކު އުފައްދާ މައި ކުންފުނީގެ ދަށުން ފްރީ ޓްރޭޑް ޒޯންތައް ކަނޑައެޅުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށައެޅުމަށްވެސް ކެބިނެޓުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މިކުންފުނީގެ ދަށުން ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް އުތުރު ތިލަފަޅުން ބިން ހަމަޖައްސާ އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށްވެސް ނިންމަވާފައިވާކަމަށް ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ. އަދި އެއިންވެސްޓްމަންޓުތަކުގެ މޭޖަރ ޝެއަރ ހޯލްޑަރުންގެ ގޮތުގައި ކުންފުނި ހަމަޖައްސަވާ، ކުންފުނިން ބޭނުންވާނަމަ ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެނޫން އިންވެސްޓްމަންޓްތަކަސް ފުރުސަތު ފަހިކޮށްދެއްވުމަށްވަނީ ނިންމަވާފައެވެ.

ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ހުއްޓުވާ ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސިޔާސަތެކެވެ. މީގެ ދަށުން ރާއްޖެ މިއޮތް ބައިނަލްއަޤުވާމީ ވިޔަފާރީގެ މުހިއްމު ރޫޓުގެ ބޭނުން ހިފާ އޭގެ ނަފާ ރާއްޖެއަށް ހޯދުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުވަނީ ކުރިން ފާހަގަކުރައްވާފައެވެ.