ޚަބަރު

މަޖިލިހުގެ ރައީސް އަސްލަމް، ރަސްމީ ދަތުރުފުޅެއްގައި ޔުގަންޑާއަށް


  • ކޮމަންވެލްތު ޤައުމުތަކުގެ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ

  • މަޖިލީހުގެ 3 ވަނަ ދައުރު ނިންމާ މިހާރު އޮތީ ޗުއްޓީގައި

  • މަޖިލީހުގެ ފަހު ދައުރު ފެށޭނީ އަންނަމަހު

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ޔުގަންޑާއަށް ފުރާވަޑައިގެންފިއެވެ.

މިއީ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އަސްލަމް، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މަޖިލިހުގެ އިދާރާއިން ވިދާޅުވީ މިއީ ކޮމަންވެލްތުގައި ހިމެނިވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތަރުފުޅެއް ކަމަށެވެ. މި ދަތުރުފުޅަށް ފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ތާރީޚެއް މަޖިލިހުގެ އިދާރާއިން ހާމަކުރައްވާފައެއްނުވެއެވެ.

މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމާލާއި މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލިހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަދިވެސް ނުނިމޭތީ ކޮމިޓީން އެދިއްޖެނަމަ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނެކަމަށް މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީ ދަނީ މަސައްކަތް ކުރަމުންނެވެ.