ޚަބަރު

ތުނި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅީގައި ސުޕާރީ އެތެރެކުރުން މަނާ


  • ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ

  • ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ ޖޫންމަހުން ފެށިގެން

ފަންސާސް މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސްޕާރީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފިއެވެ.

މި ތަކެތި މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ. ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވާ، އެލިސްޓް ޤަރާރަކުން ވަނީ ނެރުއްވާފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން 1 ޖަނަވަރީ 2024އިން ފެށިގެން ޕްލާސްޓިކް ފުޅީގައި ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފައިވާކަމަށެވެ. އަދި މި ދެ ބާވަތް ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ މި އަހަރުގެ ޖޫން މަހުން ފެށިގެންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ އޮގަސްޓް މަހު މަނާކުރަން ނިންމާފައިވާއިރު، އެ ތަކެތި ބާޒާރަށް ނެރުން މަނާކުރަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށްފަހުއެވެ. އަދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރަން ވަނީ ނިންމައިފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނުގައިވާގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތައް މަނާކުރުމަށް ފުރަތަމަ ނިންމަވާފައި ވަނީ ކުރީގެ ސަރުކާރުންނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށްވަޑައިގެން މި ގަރާރަށް ބަދަލުގެންނަވާ، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، އެތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރިން ކަނޑައަޅުއްވައިފައި އޮތް ގޮތް ވަނީ ބާޠިލުކޮށްފައިވެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 14 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ ކުރާ ލިސްޓުގައި ވަނީ ހިމަނުއްވާފައެވެ. މީގެ ތެރެއިން މިހާރުވެސް 11 ބާވަތެއް ދިވެހިރާއްޖެއަށް އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ. މި ތަކެތި މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.