ޚަބަރު

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • މިއީ ރައީސަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެއް

  • މި އިދާރާ އުފައްދަވަން ނިންމެވީ 18 ޑިސެމްބަރު 2023 ގައި

  • މިއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޒަކާތު ހައުސް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެކި ދުވަސްވަރުމަތިން ޚިދުމަތްކޮށްދެއްވާފައިވާ ބައެއް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި އަދި އެ ވުޒާރާގެ ތާރީޚުގައި ވަރަށްވެސް އުފާވެރި ދުވަހެއްކަމަށެވެ.

ޒަކާތުގެ ކަންކަން މަތިވެރިކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް މިފަދަ އިދާރާއެއް އުފެއްދެވި ކަމަށްޓަކާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، ޒަކާތު ހައުސްއަކީ ވަރަށް މަތިވެރި އަޒުމެއްގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް އުފެދުނު އިދާރާއެއްކަމަށެވެ.

"މިއަދު ޒަކާތު ހައުސް އުފެދިގެން މިދަނީ ވަރަށްވެސް މަތިވެރި އަޒުމެއްގައި. އެ އަޒުމަކީ ދިވެހިރާއްޖޭގައި ޒަކާތަށް މީހުން ހޭލުންތެރިކަން އިތުރުކުރުމާ، ޒަކާތާބެހޭގޮތުން ޢިލްމީ ދިރާސާތައް ކުރުމާ، ޒަކާތުން ބައެއް ޝަރުޢީ ހަމަތަކުގެ މަތިން އިސްތިސްމާރުކުރުމާ، ޒަކާތުގެ މި މަތިވެރި ޙުކުމްތައް މި ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ނެގެހެއްޓުމަށްޓަކާ" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ރަސްމިއްޔާތުގައި ދައްކާލައިފައިވާއިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ 6 މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.