ޚަބަރު

މިދިޔަ 3 އަހަރު އެންމެ ގިނަމީހުން ފަރުވާހޯދީ ހިތާ ގުޅުންހުރި ބަލިތަކަށް


  • 57709 މީހުން ހިތާ ގުޅުން ހުރި ބަލިތަކަށް ފަރުވާ ހޯދި

  • 30،803 މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދި

  • 3،294 މީހުން ކެންސަރު ބައްޔަށް ފާރުވާ ހޯދި

ފާއިތުވި3 އަހަރުގެ ތެރޭގައި އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކަށްކަމަށް ތަފާސްހިސަބުތަކުން ދައްކައިފިއެވެ.

އާސަންދައިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 57709 މީހަކު ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކުގައި ފަރުވާ ހޯދާފައިވެއެވެ. އަދި 3 އަހަރުގެ ތެރޭގައި ހަކުރު ބައްޔަށާއި، ކިޑްނީއާ ގުޅުންހުރި ބަލިތަކަށާއި ފުއްޕާމެއާ ގުޅުން ހުރި ބަލިތަކުގެ އިތުރަށް ކެންސަރުގެ ބަލިތަކަށްވެސް ގިނަ ޢަދަދެއްގެ މީހުން ވަނީ އާސަންދަ ސްކީމް މެދުވެރިކޮށް ފަރުވާ ހޯދާފައެވެ.

މިގޮތުން 3 އަހަރުގެ ތެރޭގައި 30،803 މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދާފައިވެއެވެ. 11،635 މީހުން ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދާފައިވާއިރު 35،806 މީހުން ފުއްޕާމެއާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދިއެވެ. އަދި 3،294 މީހުން ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާކަމަށްވެސް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގިނަ ޢަދަދެއްގެ ބަޔަކު އާސަންދަ ސްކީމް މެދުވެރިކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދާއިރު މިއަހަރަށް ދަޢުލަތުން ފާސްކޮށްފައިވާ ބަޖެޓުގައި ވަނީ އާސަންދައިގެ ޚަރަދަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭސް ފޯރުކޮށްދިނުމަށެވެ. އެގޮތުން އާސަންދައިން ބޭސްފަރުވާއަށް ކުރާ ހޭދައިގެ 50 އިންސައްތަ ޚަރަދުކުރަނީ ބޭހަށެވެ. އެއީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 600 މިލިއަން ރުފިޔާއާއި ގާތްކުރާ ޢަދަދެވެ.

ދިވެހިރާއްޖޭގެ ސިއްޙީ ތަފާސްހިސާބުތަކަށް ބަލާއިރު، ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައިވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލީގެ ހިރާސްތައް ހުރި މިންވަރު ދެނެގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2021ގެ ނިޔަލަށް ކުރި ދިރާސާގައި ވާގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ 3 މީހުންތެރެއިން 1 ގެ ލޭގައި ކޮލެސްޓްރޯލް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ކޮލެސްޓްރޯލް ހުރެއެވެ. އަދި ކޮންމެ 4 މީހެއް ތެރެއިން 1 ލޭ މައްޗަށްދާކަން ހާމަވެފައިވާއިރު އާބާދީގެ 14 އިންސައްތަ މީހުންގެ ހަކުރު ހުރީ ހުންނަންޖެހޭ މިންވަރަށްވުރެ މަތީގައިކަމަށް މި ދިރާސާއިން ދައްކައެވެ.

މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.