ޚަބަރު

ޔަހޫދީންގެ ޢުދުވާނުގެ އުކުޅުތައް ބަދަލުކޮށް ބައެއް ސިފައިން ޣައްޒާއިން ފައިބަނީ


ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އުކުޅުތައް ބަދަލުކޮށް، ޣައްޒާގެ ރަށްތަކަށް އެއްގަމު މަގުން އަރާފައިވާ ބައެއް ސިފައިން ބާލަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔަހޫދީ ފައުޖުން މިހާރު ވިސްނަނީ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ ހިންގަމުންދާ ޢުދުވާނުގެ އުކުޅުތައް ބަދަލު ކުރާށެވެ. އަދި ޙަމާސް ޖަމާޢަތް ނައްތައިލަން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރާށެވެ. އެހެންކަމުން ފާއިތުވި ދެ މަސް ދުވަހު އެއްގަމުން ޣައްޒާއަށް އަރައި ކުރަމުންދާ ހަނގުރާމާގައި ޔަހޫދީންނަށް ބޮޑު ކުރިއެރުންތަކެއް ނުލިބޭ ކަމަށް ބެލެވެއެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ސިފައިންގެ ފަސް ބްރިގޭޑެއްގެ ސިފައިން ޣައްޒާއިން ފައިބާފައި ވަނީީ ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ގިނަ ޢަދަދެއްގެ ސިފައިން ޖަމާކުރަން ޔަހޫދީން ތައްޔާރުވަމުންދާ ކަމުގައި ބެލެވޭ ދަނޑިވަޅެއްގައެވެ. ސަބަބަކީ، ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ޙަމަލަތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވުމެވެ.

ޣައްޒާގައި ހިންގަމުންދާ ޢުދުވާނަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހިންގަމުންދާ ޢުދުވާނެއް ކަމުގައި ޔަހޫދީން ކުރިން ބުނެފައިވެއެވެ. ފުރަތަމަ ފިޔަވައްސަކީ ވައިގެ މަގުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮންއަޅައި ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލުމެވެ. ދެވަނަ ފިޔަވަހީގައި އޮތީ އެއްގަމު މަގުން އަރައި ޣައްޒާއަށް ރަށްތަކަށް އަތްގަދަ ކުރުމެވެ. އެ ފިޔަވަހީގެ ދަށުން ޔަހޫދީ ސިފައިން ޣައްޒާއަށް އަރާފައި ވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ. ތިންވަނަ ފިޔަވަހީގެ މަޢުލޫމާތެއް ޔަހޫދީން ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގައި ތިބި ޔަހޫދީ ސިފައިންގެ ބައެއް ގްރިގޭޑްތައް ފައިބާފައި ވަނީ ކުރިން ވެސް ރާވާފައިވާ ގޮތާ އެއްގޮތަށް ކަމުގައި ޔަހޫދީން ފައުޖުން ބުނި ނަމަވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އެއީ އެމެރިކާގެ ފިއްތުއްތަކާ ގުޅިގެން ޔަހޫދީން ނަގާފައިވާ ފިޔަވަޅެއް ކަމުގައެވެ. ޔަހޫދީންގެ ޢުދުވާނާ ދެކޮޅަށް މުޅި ދުނިޔެއިން އަޑުއުފުލަން ފެށުމުން އެމެރިކާއިން ވަނީ ފަލަސްޠީނުގެ އާންމު ރައްޔިތުން ޝަހީދު ކުރާ ޢަދަދު މަދު ކުރުމަށް ޔަހޫދީންނަށް ބާރުއަޅާފައެވެ.

ޔަހޫދީ ދަޢުލަތާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ސިފައިންގެ އިތުރު ފައުޖުތައް ފޮނުވަން ޔަހޫދީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ލުބްނާނުގެ ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް މެދުކެނޑުމެއް ނެތި ޙަމަލަތައް އަމާޒު ކުރަމުންދާކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޙިޒްބުاللهގެ ޙަމަލަތައް ފަށާފައި ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާން ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ ޙަމަލަތައް ހުއްޓައިނުލައިފި ނަމަ ލުބްނާނާ ދެކޮޅަށް ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ޔަހޫދީން ވަނީ ދީފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 22,000އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ޔަހޫދީންގެ ޙަމަލަތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އެތަކެއް ހާސް ބަޔެއްގެ ހަށިތައް އަދިވެސް ތާށިވެފައިވާ ކަމުގައި ބެލެވެއެވެ.