ޚަބަރު

ވިއްސާރައިގައި މާލޭގެ ގޭގެއަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި


  • މާލެއިން 164 ގެޔަކަށް ގެއްލުން ލިބިފައިވޭ

  • ގެއްލުންތައް ދެނެގަތުމަށް މަސައްކަތް ދަނީ ކުރަމުން

  • 11 ގޭބިސީއެއްގެ 46 މީހުން ގެސްޓްހައުސްތަކަށް ވަނީ ބަދަލުކޮށްފައި

އާދިއްތަ ދުވަހު މާލެއަށް ކުރި ވިއްސާރާއިގައި ގޭގެއަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމްއޭއިން ވިދާޅުވެއްޖެއެވެ.

އެން.ޑީ.އެމް.އޭއިން ވިދާޅުވީ އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލެއިން ޖުމްލަ 164 ގެޔަކަށް ގެއްލުން ވެފައިވާކަމަށެވެ. އެގޮތުން ގެއްލުންވި ގޭގެ ބަލައި ގެއްލުންތައް ވަޒަންކުރުމަށް އެސެސްމަންޓްތައް ހަދަމުންދާކަމަށެވެ. މި މަސައްކަތް ކުރަނީ އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، ވެމްކޯއާއި އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް ގުޅިގެންކަމަށް އެން.ޑީ.އެމްއިން ވިދާޅުވެއެވެ.

ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ 13 ސަރަޙައްދެއްގައެވެ.

ވިއްސާރައިގައި ހާލުގައިޖެހުނު 11 ގޭބިސީއެއްގެ 46 މީހުން ގެސްޓް ހައުސްތަކަށް ބަދަލުކޮށް 3 ދުވަހުގެ މުއްތަކަށް އެމީހުންގެ ހުރުމާއި ކެއުންބުއިމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ވަނީ ހަމަޖައްސާދެއްވާފައެވެ.

މީގެ އިތުރުން މި ވިއްސާރައިގައި ގެއްލުންވެގެން 5 ރަށަކުން އިއްޔެ ވަނީ ރިޕޯޓްކޮށްފައިއެވެ. އެއީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން، ލ.ފޮނަދޫގެ އިތުރުން ސ. މަރަދޫންނެވެ. މީގެތެރެއިން ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ.