ޚަބަރު

އެއް މަސްދުވަހުގެ ތެރޭގައި ހުޅުމާލެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަނީ


  • އޮފީހާއި ތަކެތި 1 މަސް ދުވަހުގެ ތެރޭގައި ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިންމާނެ

  • އެއް އަހަރު ވަންދެން މުވައްޒަފުންނަށް ކުރިން ލިބެމުން އައި މުސާރަ ލިބޭނެ

އެއް މަސްދުވަހުގެ ތެރޭގައި ހުޅުމާލެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް މިއަދު ފައްޓަވަން ނިންމަވާފައިވާ ކަމަށެވެ. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް އޮންނަންވާނީ ސިޓީ ކައުންސިލުގެ ދަށުގައިކަން ޤާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ މުނިސިޕަލް ޚިދުމަތްދޭ އޮފީހާއި މެޝިނަރީތަކާއި ބިންތަކާއި ސްޓާފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށެވެ. މިގޮތުން ބަދަލުކުރާ މުވައްޒަފުންނަށް އެއް އަހަރު ދުވަސްވަންދެން ކުރިން ލިބެމުން އައި މުސާރަ ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ހުޅުމާލެ މުނިސިޕަލް ޚިދުމަތް މިހާރު ދެމުންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީންނެވެ. އެ ޚިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި މި ބަދަލު ގެންނަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މާލެ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ މުނިސިޕަލް ޚިދުމަތް ބަދަލު ކުރެއްވުމާ ގުޅޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.