ޚަބަރު

މާލޭގެ 11 ގެއަކުން 46 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަނީ


  • 13 ސަރަޙައްދުގައި ޕަންޕު ޖަހައިގެން ފެން ހިއްކަނީ

  • 140 ގޭގެ އެސެސްމަންޓް ހަދަމުން ދަނީ

  • 3 ދުވަސް ވަންދެން ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންނަށް ސަރުކާރުން ޚަރަދުކުރާނެ

މާލޭގައި ފެންބޮޑުވެ ފެނުގެ އަސަރު ކުރި ގޭގޭތެރެއިން 11 ގެއަކުން 46 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަން ޖެހޭކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވަޒީރު މިފަދައިން ވިދާޅުވީ ވިއްސާރައާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އެންމެ ބޮޑެތި ޕަންޕުތަކާއި އިތުރު ޕަންޕުތައް ބޭނުންކޮށްގެން މާލޭގެ 13 ސަރަހައްދެއްގައި ޕަންޕު ޖަހައިގެން މޫދަށް ފެން ހިއްކަމުން ދާކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، 11 ގޭބިސީއެއްގެ 46 މީހުން ގެސްޓްހައުސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 3 ދުވަހުގެ މުއްތަކަށް އެމީހުންގެ ހުރުމާއި ކެއުންބުއިމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސަވާނެކަމަށެވެ. އަދި އިތުރު 140 ގެއެއްގެ އެސެސްމަންޓްތައް ހަދަމުން އަންނަކަމަށެވެ. އިތުރު މީހުންނަށް ވަގުތީ އެހީތެރިކަން ބޭނުންވާނަމަ އެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސްކޫލްތަކުގެ ހޯލްތައް ބޭނުންކުރަން ޖެހިއްޖެނަމަ އެކަމަށްވެސް ތައްޔާރުކަމަށާއި، ނަމަވެސް އެފަދަ ހާލަތަކަށް އަދި ނުދާކަމަށެވެ.

"މާލެއާއި އަތޮޅުތެރެ ވީ އެންމެ އަވަހަކަށް އާންމު ހާލަތަށް ގެނެވޭތޯ މި ދަނީ މަސައްކަތް ކުރަމުން. ދިވެހި ސިފައިން ތިބޭނީ ރައްޔިތުންގެ ހައްޤުގައި ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް. ލިބުނު ގެއްލުމުގެ ތަފްސީލްތައްވެސް އަޅުގަނޑުމެން މިދަނީ ބަލަމުން. އަދި ގެއްލުމުގެ ބަދަލު އެ އޮންނަ އުޞޫލްގެ ދަށުން ހަމަޖައްސާނެކަމަށް" ދިފާޢީ ވަޒީރު ޢައްސާން މަޢުމޫން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ހިފާގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށެވެ. އަދި ޖަންގްޝަންތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާކަމަށާ، އެފަދަ ތަންތަން ސާފުކުރެވޭނެ ގޮތްތައް ބަލާ އެހީތެރިކަން
ފޯރުކޮށްދޭނެކަމަށެވެ.

މި ކަވަރޭޖްގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ދިވެހި ސިފައިންނަށް، ދިވެހި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާކަމަށެވެ. އަދި ފުލުހުން މަގުމަތީގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަސައްކަތާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ. ވަޒީރު ވިދާޅުވީ ފުލުހުންނާއި ސިފައިން ހޭލާ ތިބެގެންވެސް ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާނެކަމަށެވެ.

"ވެލިބަސްތާ ޖެހުމުގައާއި ދުއްވަމުންދާ ވެހިކަލްތަކުގެ ސަބަބުން އާންމުކޮށް ފެންބޮޑުވެފައި އޮންނަވަރަށްވުރެ، ބޮޑަށް އެ އޮއެވަރާއެކު ގެތަކަށް ފެންވަންނަމުންދޭ. މިކަންކަން މަދުކުރުމަށް ޓްރެފިކް ފްލޯ މެނޭޖް ކުރަމުންދާކަމަށް." ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ޚާއްސަގޮތެއްގައި މާލޭގެ
މާފަންނާއި ހެންވޭރުގައި ހުރި ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.