ތަޢުލީމު

ތިނަދޫ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓަރ ޒިޔާރަތްކުރައްވައިފި


އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވާލެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށްގެންދާ ދަތުރުތަކުގެ ތެރެއިން ގދ.އަތޮޅަށް އެޑިއުކޭޝަން މިނިސްޓަރ ވަޑައިގެން ގދ.ތިނަދޫގައި ހުންނަ ސްކޫލްތަކުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ގދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ ތިނަދޫ ސްކޫލަށާއި، ގދ އަތޮޅު ތައުލީމީ މަރުކަޒު އަދި އަބޫބަކުރު ސުކޫލަށް ވަޑައިގެން ސްކޫލްތަކުގެ އިސްވެރިންނާ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރޭގައި ސްކޫތަކަށް ދިމާވެފައި ހުރި ދަތިތަކާ، ސްކޫލް ތަކުން މިހާރުން މިހާރަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޓީޗަރުންނަށް ހުރި ފުރުސަތުތަކާ، އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރާއި ޓީމް ވަނީ ސްކޫލްތަކަށް މައުލޫމާތު އަރުއްވާފައެވެ.

މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި، ބީޓެކް އަދި ޓިވެޓުން ހިންގާ ޕުރޮގްރާމްތަކާއި ސްކޫލް ނިންމުމަށްފަހު ދަރިވަރުން ކުރިޔަށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާފައެވެ. އަދި ތަރުބަވީ ޖީލު ބިނާ ކުރުމާ ބެހެގޮތުންވެސް ދަރިވަރުންނަށްވަނީ ސެޝަނެއް ބާއްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމްގެ މި ދަތުރުފުޅުގައި ގދ.އަތޮޅުގެ ހުރިހާ ސްކޫލްތަކަށް ޒިޔާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. އެޑިއުކޭޝަން މިނިސްޓަރގެ މި ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންތަކެއް ބައިވެރިވެ ވަޑައިގަންނަވައެވެ.