ޚަބަރު

ރައްޔިތުންނަށް އެހީވުމަށް ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް މިދަނީ ބޭނުންކުރަމުން: ސަރުކާރު


  • މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުން

  • ގިނަ ރަށްރަށުގައިވަނީ ފެންބޮޑުވެފައި

  • ރައްޔިތުންގެ ހާލަތު ރައީސްދަނީ ގާތުން ބައްލަމުން

ވިއްސާރައިގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި މިހާރު ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެންމެ ބޮޑަށް ގެއްލުންވެގެން މިއަދު ރިޕޯޓުކޮށްފައިވަނީ ކ. ގުރައިދޫއިން ކަމަށެވެ. އަދި މުޅި ރާއްޖެއަށް ވެސް ވިއްސާރައިގެ އަސަރުތައް ކުރަމުންދާއިރު، ކައުންސިލްތަކާއި ގުޅައިގެން މަޢުލޫމާތުތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމާއި ފެން ހިނދުމުގެ މަސައްކަތުގައި ލިބެން ހުރި ހުރިހާ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

"ރައިސުލްޖުމްހުރިއްޔާ ވަރަށް ގާތުން ދަނީ މިކަންތައް ބައްލަމުން، ހުރިހާ ވަސީލަތްތައް ދަނީ ބޭނުންކުރަމުން، ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ނަމަ އެކަން ވެސް ކުރުމަށް ރައިސްވަނީ އިރުޝާދުދެއްވާފައި،" ވަޒީރު ވިދާޅުވިއެވެ.

ވިއްސާރައާ ގުޅިގެން މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ވާރޭ ހުއްޓާލައިފިނަމަ މާލޭގައި ހެދިފައިވާ ފެންގަނޑު ހިންދާލުމަށް 2 ގަޑިއިރުވަރު ނަގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކ.ގުރައިދޫގައި ފެންބޮޑުވެ 9 ގެއަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އަދި އެ ރަށުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.