ޚަބަރު

ކޮންމެ މަސްދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީންކުރުމަށް އިންސްޓްރަކްޓަރުން ހޯދަނީ


  • މި ކޯހުގެ ފުރަތަމަ ފިޔަވަހި ކުރިއަތް ގެންދަނީ ދެކުނުގައި

  • އެއީ ލ، ގއ، ގދ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 9 ޖެނުއަރީގެ 11:00

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކޮންސަލްޓެންޓުންގެ ގޮތުގައި ޑައިވް އިސްޓްރަކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

ކޮންސަލްޓެންޓުންގެ ގޮތުގައި ޑައިވް އިސްޓްރަކްޓަރުން ހޯދަނީ ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަޤްސަދުގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި މަދުވެގެން އެއްފަޅުވެރިޔަކު، "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށްޓަކައި ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިޕްރޮގްރާމުގެ ދަށުން ރެސްކިއު ޑައިވަރ ކޯސްތަކުގެ ފުރަތަމަ ފިޔަވަހި ރާއްޖޭގެ ތިން އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ހިންގާނީ ދެކުނުގެ 4 އަތޮޅުކަމަށްވާ ލ، ގއ، ގދ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ. އަދި މިޕްރޮގްރާމް ހިންގާނީ ދިވެހިރާއްޖޭގައި މަސްވެތިކަމުގެ ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން ޑައިވްކޮށްގެން އެންދަމާ އުޅަނދުފަހަރުގެ ދިވެހި ފަޅުވެރިންނަށް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިޕްރޮގްރާމަށް ކޮންސަލްޓެންޓުގެ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅުއްވާ ޑައިވް އިންސްޓްރަކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ވައިފުޅި އަޅައިގެން ފީނުމުގެ ހުއްދަ އަދި ޑައިވިން ކޯހުގައި ކިޔަވައިދިނުމުގެ ހުއްދަ އޮންނަ ޑައިވިން އިންސްޓަަރްކަށް ވާން ޖެހެއެވެ. އަދި ޑައިވިން އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރިތާ މަދުވެގެން ދެ އަހަރުވެފައިވުމާއި މަދުވެގެން 10 ފަރާތަކަށް ޑައިވް ތަމްރީން (އޯޕަންވޯޓާ ނުވަތަ އެއަށްވުރެ މަތީ ލެވަލް) ކޯހެއް ހިންގާފައިވުމާއި މަދުވެގެން އެއް ފަރާތަކަށް ރެސްކިއު ޑައިވަރު ލެވެލްގެ ކޯސް ހިންގާފައިވާންޖެހޭ ކަމަށް މަސްވްެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީންކޮށްދޭ ކޮންމެ ފަރާތަކަށް 35،000 ރުފިޔާ ދޭނެއެވެ. އެ ފައިސާއަށް އެދި ހުށަހަޅާނީ ޑައިވް ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ފަހު ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންސަލްޓެންސީއާ ގުޅުން ހުރި މައުލޫމާތު، ވެލާނާގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހުގެ 11:00ގައި ލިބޭނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީމަހުގެ 9ވަނަ ދުވަހުގެ 11:00 ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ވައިފުޅި އަޅައިގެން އެން ހޯދަން ފީނާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް ކުޑަ ކުރުމަށް ޓަކައި ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވިން ސެޓްފިކެޓް އޮންނަ މީހަކު ހުރުން ލާޒިމްކުރާ ޕްރޮގްރާމެއް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ވައިފުޅި އަޅައިގެން ފީނުމާއި ގުޅޭ ރަނގަޅު މައުލޫމާތާއި ތަމްރީން ނުލިބި މިކަން ކުރުމުގެ ސަބަބުން މީގެކުރިން ބައެއް މަސްވެރިންނަށް ސިއްހީގޮތުންވެސް ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިވެފައެވެ. އަދި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފެށޭ ތަމްރީނުތަކުގެ ސަބަބުން ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތަކާއި މަސްވެރިންނަށް ލިބޭ ސިއްހީ ގެއްލުންތައް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށެވެ.