ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމެޓީ ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފި


  • މިމަހުގެ 23 ގައިވެސް ކޮމެޓީ ބައްދަލުވުމެއް އެޖެންޑާކުރި

  • ނަމަވެސް ކޯރަމް ހަމަނުވެގެން އެ ބައްދަލުވުން ވަނީ ފަސްކޮށްފައި

  • މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ ވަޒީރުންނަށް ރުހުން ނުދީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލައާގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. އެހެންނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްނުކުރާތީ ކަމަށްބުނެ، މަޖިލީހުން ނިންމީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާށެވެ. މި މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިމަހުގެ 18 ގައެވެ.

އެހެންކަމުން ކޮމެޓީއަށް އަނބުރާ ފޮނުވާލި ރިޕޯޓާމެދު ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް މިމަހުގެ 23 ވަނަ ދުވަހަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ދުވަހުގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއް އަނެއްކާވެސް މާދަމާ ހެނދުނު 11 ޖަހާއިރަށް މިވަނީ އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު 3 ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، ވަޒީރުންނަށް ރުހުން ނުދީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިއަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމުމަށްފަހު، މަޖިލިސް ޗުއްޓީއަށްގޮސްފައެވެ.