ޚަބަރު

ވިއްސާރައިގައި ފުވައްމުލަކުގައި ފެންބޮޑުވެ 15 ގެއަކަށް ގެއްލުންވެއްޖެ


  • ވިއްސާރައިގައި މިހާތަނަށް 15 ގެއަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވޭ

  • 4 ގެއަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި

  • ފެން ހިއްކުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާ އެކީ ދަނީ ކުރަމުން

މިހާރު ރާއްޖެއަށް ކުރަމުންދާ ވއްސާރައިގައި ފުވައްމުލަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުން ލިބިއްޖެއެވެ

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފުވައްމުލަކު ކައުންސިލުން ބުނީ މިހާތަނަށް 15 ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 4 ގެއެއްގެ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ކައުންސިލުން ބުނީ ގެއްލުންވި ގެތަކާއި އެގެތަކަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. ފުވައްމުލަކު ކައުންސިލުން ބުނީ ގެއްލުންވެގެން މިހާތަނަށް 15 ގެއަކުން ރިޕޯޓްކޮށްފައި ވީނަމަވެސް މި އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާއި އެކީ ކުރަމުން އަންނަ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިންވެސް ވިދާޅުވީ، ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުންވެގެން ރިޕޯޓު ކޮށްފައިވާކަމަށެވެ. އެގެތަކުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިންވެސްވަނީ ވިދާޅުވެފައެވެ.