ޚަބަރު

އެމްޑީޕީގެ 13 މެންބަރުން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގެންފި


  • މެންބަރުންގެ ފޯމުތަކާއި ޙަވާލުވެވަޑައިގަތީ ރައީސް ޑރ. މުޢިއްޒު

  • އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް ރައީސް މަރުޚަބާ ދެންނެވި

  • މަޖިލީހުގައި ޕީ.އެން.ސީ ތަމްޞީލުކުރާ މެންބަރުންގެ ޢަދަދު 15 އަށް

ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ތަމްޞީލުކުރައްވާ 13 މެންބަރަކު، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއާއި ގުޅިވަޑައިގެންފިއެވެ.

މި 13 މެންބަރުން ޕީ.އެން.ސީއާއި ގުޅިވަޑައިގެންކަން އިޢުލާންކުރައްވާފައިވަނީ ދަރުބާރު ގޭގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "ދިވެހީންގެރާއްޖެ ފެށުން" ޖަލްސާގެ ތެރެއިންނެވެ.

ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންގެ ފޯމުތަކާއި ޙަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ޕީ.އެން.ސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުން އެ ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްކަން ފާހަގަކުރައްވާ، މިރޭގެ ޖަލްސާގައި ރައީސް ވަނީ ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންނަށް މަރުޚަބާ ދަންނަވާފައެވެ.

ޕީއެންސީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުން:


• މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
• ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
• މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް
• އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު
• ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
• ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް
• މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
• މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު
• ނިލަންދޫ ދާއިރާގެ ޢަބްދުލްމުޙުސިން ޙަމީދު
• މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ
• ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު
• ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން
• ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންގްރެސް ޕާޓީގެ ޗެއާޕަރސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިއިރު ޕާޓީގައި ތިބީ އެންމެ 3022 މެންބަރުން ކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު 40،000 އަށްވުރެ އިތުރު ވެފައިވާކަމަށް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ކޮންގްރެސް ޕާޓީއާ ގުޅޭ މެންބަރުންގެ ޢަދަދު އިތުރުވުމަކީ ރައްޔިތުން ނިންމި ނިންމުމުގައި ސާބިތުކަމާއެކު "ދިވެހީންގެ ރާއްޖެ" އަކަށް ދިއުމަށް ދިވެހިން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއަހަރު ނިމޭއިރު އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމިގެންދާއިރު ދިވެހިރާއްޖޭގައި އޮތް އެންމެ ބިޔަ އެންމެ ބޮޑު އެއްޕާޓީއަށް ވެގެންދާނީ ކޮންގްރެސް ޕާޓީ"، އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ލީޑަރޝިޕް ބޭނުންވާ ގޮތަށް ކަންކަން ކުރާނެ މެންބަރުން ނެތް ކަމަށާއި ޤައުމީ ވިސްނުންފުޅު ހުންނެވި މެންބަރުން ތިއްބެވި ކަމަށެވެ.

ރައީސް ހުންނެވީ ތަފާތު ފިކުރުތައް ހުންނެވި ބޭފުޅުންނާއެކުވެސް ޤައުމު ކުރިއެރުވުމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޕީ.އެން.ސީއަށް ޕާޓީއަށް އަލަށް ސޮއިކުރެއްވި މެންބަރުންގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ޕީ.އެން.ސީއާ ގުޅިވަޑައިގަތީ ޤައުމުގެ ޙައްގުގައި ކަމަށެވެ. އެ ބޭފުޅުންގެ ފިކުރަކީ އަބަދުވެސް ޤައުމު އިސްކުރުމުގެ ފިކުރު ކަމަށާއި އަދިވެސް ތިއްބެވީ އެގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ޕާޓީއާ ގުޅުމުން ވަރަށް ގިނަ މީހުން ކުރާ ސުވާލެއް. ކަލޭމެން ވިކުނީހޭ. ކަލޭމެންގެ ޚިޔާލު ބަދަލުވީހޭ. ނޫން. އެއްގޮތަކަށްވެސް އެހެނެއް ނޫން. އަޅުގަނޑުމެންގެ ޚިޔާލެއްވެސް ބަދަލެއް ނުވޭ. ފިކުރެއްވެސް ބަދަލެއް ނުވޭ. އަޅުގަނޑުމެންގެ ފިކުރަކީ ޤައުމުގެ ފިކުރު،" މެންބަރު ޝަރީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބަވަނީ ޕީ.އެން.ސީއަށް ނިސްބަތްވެވަޑައިގަންނަވާ އެންމެ ދެ މެންބަރުންނެވެ. ނަމަވެސް އެމް.ޑީ.ޕީން އެ ޕާޓީއަށް ގުޅިވަޑައިގެންނެވި މެންބަރުންނާއެކު މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 15 އަށް އިތުރުވާނެއެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު 42 ދަށްވާނެއެވެ.