ޚަބަރު

މަޝްރޫޢުތައް ފަރުމާ ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އެފްޑީސީން އެހީތެރިވަނީ


  • ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަންދޭނެ

  • މަޝްރޫއުތައް މެނޭޖްކުރުމަށް ކޮންސަލްޓެންސީ ދޭނެ

އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާ ކުރުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ މަޝްރޫޢުތަކަށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ހިމެނެއެވެ. އަދި މަޝްރޫޢުތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަންދިނުމާއި، މަޝްރޫޢުތައް މެނޭޖްކުރުމަށް ކޮންސަލްޓެންސީ ދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

މީގެ އިތުރަށް މިސްކިތްތަކާއި ވަޤުފް ޢިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާކޮށްދިނުމާއި، މިސްކިތްތަކާއި ވަޤުފް ޢިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ޢިމާރާތްކުރުމާއި، ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި އިތުރު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި އެއްބަސްވެފައިވެއެވެ.