ޚަބަރު

އައު އަހަރު ފާހަގަކުރުމަށް މާލެ ސިޓީ ހިމެނޭހެން މީހުން ދިރިއުޅޭ 5 ރަށެއްގައި ހަވާއަރުވަނީ


  • މާލެ ސިޓީގެ އިތުރުން، މާފުށި، ތުލުސްދޫ، ދިއްފުށި، ތޮއްޑޫގައި ހަވާއަރުވާނެ

  • 85 ރިސޯޓެއްގައިވެސް ހަވާ އަރުވާނެ

  • މާލެ ސިޓީގައި އައު އަހަރު ފާހަގަކުރުމަށް ފެސްޓިވަލެއް ބޭއްވުމަށްވަނީ ހަމަޖެހިފައި

އައު އަހަރު ފާހަގަކުރުމަށް މާލެ ސިޓީ ހިމެނޭހެން ރާއްޖޭގައި މީހުން ދިރިއުޅޭ 5 ރަށެއްގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވާ މީހުން ދިރިއުޅޭ ރަށްތައް

* މާލެ ސިޓީ
* ކ. މާފުށި
* ކ. ތުލުސްދީ
* ކ. ދިއްފުށި
* އއ. ތޮއްޑޫ

އައު އަހަރު ފާހަގަކުރުމަށް ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ރިސޯޓުތަކުގައިވެސް ހަވާ އަރުވައެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 85 ރިސޯޓެއްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

އައު އަހަރު ފެށުން މާލެ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް "ދިވެހިންގެ ރާއްޖެ ފެސްޓިވަލް"ގެ ނަމުގައި ޔޫތު މިނިސްޓްރީން ވަނީ ހަރަކާތެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މި ފެސްޓިވަލްގައި ހަވާ އެރުވުމާއި ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ޔޫތު މިނިސްޓްރީންވަނީ ނިންމާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، މިހަރަކާތްތައް ކުރިއަށްދާނީ ހުރިހާ އުމުރު ފުރައަކަށް އަމާޒްކޮށްގެން އެންމެންނަށް ބައިވެރިވެވޭގޮތަށް ކަަމަށެވެ.

" ވަރަށް ކުލަގަދަކޮށް އޮންނާނީ، ވަރަށް ގިނަ އިވެންޓުތައް އޮންނާނެ، ފެސްޓިވަލް ހަވީރު ފެށޭނީ، ރޭގަނޑު ހަވާ އަދި ލޭޒާ ޝޯ އަކާ އާޓިސްޓުންގެ ހުނަރުތައް ދައްކާލުން އޮންނާނެ،" އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އައު އަހަރާއި ދިމާކޮށް ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު، ހަވާއެރުވުމާގުޅޭ ފަރިތަކުރުންތަކެއް ރޭވަނީ ހުޅުމާލޭގައި ބާއްވާފައެވެ. ހަވަޔާއި ބަޑިބޭހުގެ ކުޅިވަރުތަކަކީ ގިނަ ބައެއްގެ ޝަޢުގު އެކަމަކަށް އޮންނަ ހަރަކާތްތަކެކެވެ.