ޚަބަރު

މަޖިލިސް އިންތިޚާބުގެ ޓާސްކްފޯހަށް ހޮވުނު ފަރާތްތަކަށް އަންނަ ހަފްތާގައި އެކަން އަންގާނެ


  • ޖުމްލަ 100 އަށްވުރެ ގިނަ މީހުން ޖޮބް-ފެއަރއަށް ދިޔަ

  • މުހިންމު ތިން މަގާމެއް ފިޔަވައި ހުރިހާ މަގާމަކަށްވަނީ އިންޓަރވިއުކޮށްފައި

  • ބާކީ ހުރި މަގާމުތަކަށް ޖެނުއަރީ މަހުގެ ކުރީކޮޅު އިންޓަރވިއު ކުރާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓާސްކްފޯހުގައި މަސައްކަތްކުރުމަށް ހޮވުނު ފަރާތްތަކަށް އަންނަ ހަފްތާތެރޭގައި އެކަން އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ވިދާޅުވީ އިންތިޚާބުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި، ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ 2024 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އެކޮމިޝަންގެ ޓާސްކް ފޯހުގައި މަސައްކަތް ކުރުމަށް މީހުން ނެގުމަށް ކުރިއަށް ގެންދިޔަ ޖޮބްފެއަރއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށެވެ. މި ޖޮބް ފެއަރއަށް 100 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށް އިންޓަރވިއު ދީފައިވާ ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓާސްކްފޯސް ޓީމުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ހުޅުވާލި މަޤާމުތަކުގެ ތެރޭގައި ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރު، އެސިސްޓެންޓް މެނޭޖަރ، ސީނިއަރ އޮފިސަރ، ސީނިއަރ އޮފިސަރ މީޑިއާ، އަދި ސީނިއަރ ފޮޓޯގްރާފަރ ހިމެނޭކަމަށެވެ. އަދި ގްރެފިކްސް ޑިޒައިނަރ، އޮފިސަރ، ޓެކް އޮފިސަރ، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް އޮފިސަރ، ސެކިޔުރިޓީ އޮފިސަރ، ޑްރައިވަރ އަދި މަސައްކަތު މީހުންވެސް މީގެތެރޭގައި ހިމެނޭކަމަށެވެ.

ހަބީބު ވިދާޅުވީ މުހިންމު ދެތިން މަގާމު ފިޔަވައި ހުރިހާ މަގާމުތަކަށް މިހާރު މީހުންނާ އިންޓަރވިއު ކޮށްފައިވާކަމަށެވެ. އިންޓަރވިއު ކުރިފަރާތްތަކުގެ ތެރޭގައި ތައުލީމީ ގާބިލް ބޭފުޅުން ހިމެނޭކަން ހަބީބު ފާހަގަކުރެއްވިއެވެ.

" މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އިންޓަރވިއުތަކެއް ބޭއްވިން ހަމަ ޖޮބްފެއަރއެއް ކަހަލަ ގޮތަކަށް ހުޅުވާލައިގެން. މި ޖޮބްފެއަރގައި 100 އަށްވުރެ ގިނަ ފަރާތްތައް ހާޒިރުވެ އިންޓަރވިއު ކުރެވި އަދި ބައެއް މުހިންމު މަގާމުތައް ފިޔަވައި މިސާލަކަށް ކޮމްޕްލައިންޓްސް ބިއުރޯ ކަހަލަ ވަޑައިގަންނަވާ ފަރާތްތަކަށް ވަގުތުން އަޅުގަނޑުމެން އިންޓަރވިއު ނުކުރަން. މުހިންމު ދެތިން މަގާމު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް އިންޓަރވިއު ކުރެވި އިރާދަކުރެއްވިއްޔާ މިފެށޭ ޖެނުއަރީ މަހު ކުރީކޮޅު އިންޓަރވިއު ކުރި ފަރާތްތަކަށް ޖަވާބު އަރުވާނަން" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންޓަރވިއު ނުކުރެވި ހުރި މަގާމުތަކަށް މިފެށޭ ޖެނުއަރީ މަހު ތެރޭގައި އިންޓަރވިއު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ޓާސްކްފޯހުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގެ އިތުރުން ކުރިއަށް އޮތް ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އޮފިޝަލުންގެ ގޮތުގައި 350 އެއްހާ މީހުން ބޭނުންވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެން އެންމެ އަވަހަށް ބޭއްވުމަށް ތައްޔާރުވަމުންދަނީ މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށާއި، މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނެވެ. މި ބައި-އިލެކްޝަން އޮންނާނީ އަންނަމަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.