ޚަބަރު

އުރީދޫގެ 2024 ކަލަންޑަރު : ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމަކާއެކު


  • ކަލަންޑަރު ތަޢާރަފްކޮށްފައިވަނީ "އަތޮޅު ދުވުން" ގޭމާއެކު

  • މިއީ ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ އެންޑްލަސް ރަނަރ ޖޯންރާގެ ގޭމް

  • މިކަލަންޑަރު އަދި ގޭމް ތައްޔާރުކުރި ލޫޕްކްރާފްޓުން

ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް ހިމެނޭ، އުރީދޫގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފިއެވެ.

ކަލަންޑަރު ލޯންޗު ކޮށްދެއްވީ މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވި ޙަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމެވެ.

ކަލަންޑަރާއެކު ތަޢާރަފްކޮށްފައިވާ "އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ އެންޑްލަސް ރަނަރ ޖޯންރާގެ ގޭމެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

ކަލަންޑަރ ލޯންޗުކުރުމުގެ ޙަފްލާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ދިވެހިންގެ ސަޤާފަތާއި، ދިވެހި ބަސް ކުރިއެރުވުމުގައި އުރީދޫއިން ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބަރ ސްޓިކަރ ތައްޔާރުކޮށް، އުރީދޫގެ ޚާއްސަ ރަސްމީ ފޮންޓެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ނަސީރު ވިދާޅުވީ މި ކަލަންޑަރާއެކު ދިވެހިންގެ ވިސްނުން ޒަމާނީ ސުމޭކު ހަޔާތުގެ ތެރެއަށް ވަދެވިގެންދާނެ ކަމަށެވެ.

"ސުމޭކުގެ ހަޔާތުގެތެރެއަށް ވަނުމަށް ވަރަށް ރަނގަޅު ފެށުމެއް މިއީ، ދިވެހިންގެ އަސްލުތަކާއި އެކު، ދިވެހިންގެ ވަރަށް ކުރީގެ ކަމެއް މި ޒަމާނާ އެއްގޮތަށް މި އިއާދަކުރެވުނީ،" އާދަމް ނަސީރު ވިދާޅުވިއެވެ.

މި ކަލަންޑަރާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، މިއީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ.

"މި ގޭމަކީ ރާއްޖޭގެ އުތުރުން ދެކުނަށް 12 ރަށުގެ ރީތިކަން ދައްކުވައިދީ، ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ ގޭމެއް. މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަށް ފެނިގެންދާނެ ގޭމެއް. އަޅުގަނޑުމެންގެ 2024 ގެ ކަލަންޑަރާއި ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެކަމަށް އުއްމީދު ކުރަން." ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އައު ލެވެލެއްގައި އައު ރަށަކަށް ދަތުރުކުރެވޭނެއެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އުރީދޫ ކަލަންޑަރ އަދި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.