ޚަބަރު

މަދިރި ނައްތާލުމަށް ޤައުމީ ކެމްޕެއިނެއް ފަށަނީ


  • މަދިރި ނައްތާލުމަށް މުޅި ރާއްޖޭގައި ހަރަކާތް ހިންގާނެ

  • މިހާރުވެސް ހުޅުމާލޭގައި ކެމްޕެއިނެއް ދަނީ ހިންގަމުން

މަދިރީގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބަައްޔެއް ކަމުގައިވާ ފައިލޭރިއާ ބަލި ފެތުރެން ފެށުމާއި ގުޅިގެން އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖޭގައި ފެށުމަށް ނިންމައިފިއެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މިހުންގެ ޢަދަދު ވަނީ 32އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ މުޅިންވެސް ބިދޭސީންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަންނަ ހަފްތާގައި މަދިރި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށްޓަވާނެކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި މަދިރި ނައްތާލުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށާއި، އެގޮތުން މާލޭގައި އެމްއެންޑީއެފް އާއި ގުޅިގެން މި މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި އަންނަ ހަފްތާ ނިމޭއިރު މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މަސައްކަތްތައް ފެށިގެންދާނެ. މިކަން ކުރުމުގައި އަޅުގަނޑުމެން އުންމީދުކުރަނީ ހާއްސަކޮށް މާލޭގައި ވެމްކޯ އާއި، މާލޭގެ ހުރި އެހެން މުއައްސަސާތައް، އެމްއެންޑީއެފް އަދި ޕޮލިސް އަދި އެނޫންވެސް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތް ކުރެވިގެންދާނެކަމަށް." ވަޒީރު ވިދާޅުވިއެވެ

ފައިލޭރިއާގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެޗްޑީސީން 'ފައިލޭރިއާއިން ރައްކާ' ނަމުގައި ކެމްޕެއިނެއް ވަނީ ފަށާފައެވެ.

އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދާ މި ހަރަކާތުގައި ހުޅުމާލޭގައި ފައިލޭރިއާ ބަލި ފެތުރުން ހުއްޓުވުމަށް އެބަލި ފެތުރުމަށް ފުރުސަތު އޮތް ހުރިހާ ތަނެއް ފާހަގަކޮށް އެތަންތަން ފޮގްކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާރބަންކޯގެ ފަރާތުން އެ ޕްރޮގްރާމް މޮނިޓަަރ ކުރާ ފަރާތް ހަސަން ތައުފީޤް ވިދާޅުވެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އެ ކުންފުނިން ކުރިއަށް ގެންދާ މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ހުސް ފުޅި، ގަސް އިންދުމަށް ބޭނުންކުރާ ޕޮޓު ފަދަ ތަކެތީގައި ފެން ހަރުލާފައި ހުރި މަންޒަރު ފެނިފައިވާތީ ކުރިއަށް އޮތްތާނގައި މި ފަދަ ކަންކަން ފާހަގަކުރެވޭނަމަ އެތަންތަން ނައްތާލުމުގައި އާންމުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

ހުޅުމާލޭގައި މަދިރި މަދުކުރުމަށްއެކި ސަރަހައްދުތައް ފޮގް ކުުރުމުގެ މަސައްކަތް ހެނދުނު 5:00 އިން 6:000 އަށާއި ހަވީރު 18:00 އިން 19:00 އަށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން މި ހަފްތާގެ ހޮނިހިރު ދުވަހު އެޗްޑީސީގެ ހުރިހާ ޑިޕާޓްމަންޓަކުން މަދިރި މަދުކުރުމުގެ ކެންޕޭން ކުރިއަށް ގެންދާނެކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ފާހަގަކުރެވިފައި ހުރި މަދިރި އުފެދޭ ހުރިހާ ތަނަކަށް ބޭސް ލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

ފައިލޭރިއާއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. ފައިލޭރިއާ އަކީ ބަލިޖައްސާ ފަންޏެއްގެ ސަބަބުން ހަށިިގަނޑުގެ ގުންވަންތަކަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބެލި ޖެހުމުން ހަށިގަނޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރެއެވެ. މިއީ މަދިރީގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ރާއްޖޭގައި މިހާތަނަށް މި ބަލި ފެނިފައިވަނީ ކުޅުދުއްފުށި ސިޓީ، މާލެ ސިޓީ އަދި ހުޅުމާލެއިންނެވެ.