ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކުރެވުނު މަސައްކަތުން، ދިވެހީންގެ މެދުގައި އޮތް މިގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް އަދިވެސް ފުރުސަތު އޮތްކަން އެނގިގެން ގޮސްފައިވާކަމަށް، ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ރަށެއް ޝާމިލުވާނެހެން ކުރި މަސައްކަތް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ޤައުމީ އެއްބައިވަންތަކުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްވަނީ މިދުވަސް ފާހަގަކުރުމަށް މުވައްސަސާތަކާއި ރަށްރަށުގައި ކުރިއަށްގެންދިޔަ ޙަރަކާތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، މިދުވަސް ފާހަގަކުރުމަށް ޙަރަކާތްތެރިވި ހުރިހާ ފަރާތަކަށްވެސް ޝުކުރުއަދާކުރައްވާފައެވެ. އަދި މިދުވަސް ފާހަގަކުރުމަށް ހުރިހާ ފަރާތެއް ގުޅިގެން ކުރި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދު އަޅުގަނޑުމެން ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ޤައުމުގެ އެއް ސިފައަކީ އެއްބައިވަންތަ ކަމުގެ ސިފަކަމަށްވާތީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހިންގަވަން ޤަސްދުކުރައްވާ މިހާރު ތަންފީޒުކުރައްވަންފައްޓަވާފައިވާ ސިޔާސަތު، ޤައުމީ އެއްބައިވަންތަކަމާއި، ދިވެހި ޤައުމު އަލުން ދިވެހި ޤައުމީ އަސަރުތައް އަލުން އިޔާދަކުރުމުގެ މިޙަރަކާތުން އަޅުގަނޑުމެން މިހާރު މިދެކޭ އެއްބައިވަންތަކަމާއި، މިކަން އިތުރަށް ދިރުވާއާލާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން. އަދި މިކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެ ދެކުނީ ގުދުރަތީ ކާރިސާއެއްގައި ރާއްޖެ ތަޖުރިބާކުރި އެންމެ ހިތްދަތި ދުވަސްކަމުގައެވެ. އެހެންނަމަވެސް ދިވެހީން އެދުވަސް ފާހަގަކުރަނީ ހެޔޮ ނިޔަތުގައި އެދުވަހު ދިވެހީންގެ ކިބައިން ފެނިގެންދިޔަ ރީތި ޤައުމީ ސިފައަކާއި ގުޅުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ މާލީގޮތުންނާއި މާއްދީގޮތުން ދިވެހިންނަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑުވަސްނަމަވެސް އެހިތާމަތަކާއެކުވެސް ދިވެހީން މިއަދު ފާހަގަކުރަނީ އުއްމީދު އައުކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއާއި ވަޒީރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ޖަލްސާގައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިދައަށް ޢިއްޒަތް އަރުވާފައެވެ.