ފައިލޭރިއާ ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެ ޤާބިލުކަން އެބަހުރިކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިން "މުކައްބަ" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ކެމްޕެއިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކެމްޕެއިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަށް ކަށަވަރު ކުރުމަށްޓަކައި ކާބޯތަކެތި ޓެސްޓުކުރެވޭނެ ނިޒާމްތައް ފުޅާވަމުން އަންނަކަމަށެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިތުރަށް ހަރުދަނާކުރުމަށްޓަކައި ވުޒާރާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށާއި، ބަލިތަކަށް ޓެސްޓުކުރެވޭނެ ޤާބިލުކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް 5 އަހަރު ކުރަންޖެހޭނެ ކަންކަން ތަރުތީބުކުރުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.
ސިއްޙީ ނިޒާމްގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތްގޮތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިހާރު ރާއްޖެއިން ފެނިފައިވާ ފައިލޭރިއާ ބަލީގެ ކޯންޓްރޯލިން މެކޭނިޒަމް ރާއްޖޭގައި އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބަލިޖެހިފައިވާ މީހުންނަށް ދޭން ޖެހޭ ބޭހާއި ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު ބޭހާއި ޓެސްޓިން ކިޓް ހޯދުމަށްޓަކައި އިމަޖެންސީ ފަންޑުތަކާ ވާހަކަދައްކައިގެން އެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ފައިލޭރިއާ އެންމެ ބޮޑަށް ފެނިފައިވާ ސަރަހައްދުން ދިވެހިން ބައްޔަށް ޓެސްޓްކޮށްފައިވާނެ. 155 ދިވެހިން ޓެސްޓް ކުރިއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވުމުން އެއީ ރާއްޖެއަށް އިމްޕޯޓްވެފައިވާ ބައްޔެއް. ބައްޔަށް ފަރުވާދެވޭނެ ގޮތް އެބައޮތް، އެހެންކަމުން ރައްޔިތުން މިކަމާ ކަންބޮޑުވެނުލައްވާ." ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ރާއްޖޭގައި ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެންމެ އިސްކަމެއް ދޭން ޖެހެނީ ދުޅަހެޔޮ ސިއްޙަތަކަށް ވާޞިލްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޔަޤީންކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްކަމަށެވެ. އެގޮތުން "ޕްރިވެންޓް ހެލްތް"ނުވަތަ ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަކީ ސިއްޙީ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ސިޔާސަތުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޕްރިވެންޓިވް ހެލްތް ކެއަރއަށް ސަމާލުކަން ދިނުމުގެ ގޮތުން މަޖިލީހުގައި އޮތް ކާބޯތަކެއްޗާ ބެހޭ ބިލު އަވަސްކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވަކަމަށެވެ. އަދި އެ ބިލާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމާށާއި އެކްސްޕާޓުން ޚިޔާލުވެސް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކެން ބޭނުންވަނީ އެ ބިލް ވީއެންމެ އަވަހަކަށް ފާސްވެގެން އައުން. އެ ޤާނޫނަކަށް ވެގެން އަންނަ ދުވަހަކީ ފުޑް ސެކިއުރިޓީއަށް ލިބޭނެ އިތުރު ބާރެއް. ޕްރިވެންޓް ހެލްތް މެކޭނިޒަމް އިތުރަށް ވަރުގަދަވެގެންދާނެ." ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިން "މުކައްބަ" އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ޑަބްލިއުއެޗްއޯ ގުޅިގެން ކޮޑެކްސް ޓްރަސްޓް ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ފަރުމާކޮށްފައިވަނީ އާންމުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ ގޮތަށްކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި މި ކެމްޕެއިން އެދެވޭ ގޮތެއްގައި ކުރިއަށް ގެންގޮސް މިހާރަށް ވުރެ ބޮޑަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމާއެކު ފަރުދީގޮތުންވެސް އެކަމަށް އެއްބާރުލުން ދިނުންމަށް އެމްއެފްޑީއޭއިން އެދިވަޑައިގަންނަވައެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ބަލި ފެތުރެމުންދާ ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު އޮންނަ އުޞޫލެއްގެ މަތިން ގަވާއިދުން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.