ޚަބަރު

މެންބަރު ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި


  • މިވަގުތަށް ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަންވަން ބޭނުންފުޅުވާކަންވަނީ ހާމަކުރައްވާފއި

  • ބޭނުންވަނީ ރަށުގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތުދިނުމަށް ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

ޝަރީފު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވާކަން އެ ޕާޓީން ވަނީ "ޕީއެސްއެމް ނިއުސް" އަށް ކަށަވަރު ކޮށްދީފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންއަށް އެޑްރެސް ކުރައްވައި ޝަރީފް ފޮނުއްވި ސިޓީގައި މިވަގުތަށް ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަންވަން ބޭނުންވާކަން ހާމަކުރައްވާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

މީގެ އިތުރުން ޝަރީފު ބޭނުންވަނީ އޭނާއަށް ތާއީދު ކުރާ ގިނަ ފަރާތްތަކުގެ އެދުމާ އެއްގޮތަށް ރަށުގައި މިހާރު ފެށިފައި ހުރި މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތު ފަހިކޮށްދޭން ކަމަށްވެސް އެސިޓީގައި ވަނީ ވިދާޅުވެފައެވެ.

ޝަރީފު ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ. އޭނާއަކީ މިވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން މެދުނުކެނޑި އެންމެގިނަދުވަހު މަސައްކަތް ކުރައްވަމުންގެންދަވާ އެއް މެމްބަރެވެ.