ދަ ޑިިމޮކްރެޓްސްގެ ތަރުޖަމާނަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އައްޔަންކޮށްފިއެވެ. 
އިމްތިޔާޒް ފަހުމީ މިމަގާމަށް އައްޔަންކޮށްފައިވަނީ ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައެވެ. 
މިބައްދަލުވުމުގައި ތަރުޖަމާނުގެ އިތުރުންވެސް އެ ޕާޓީގެ އިދާރީ ހިންގުމުގެ އިސްމަގާމުތަކަށް މެންބަރުން ވަނީ އައްޔަންކޮށްފައެވެ. 
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީގެ އިދާރި ހިންގުމަށް ނަންތައް ހުށަހަޅުއްވާނީ ޕާޓީގެ ރައީސެވެ. މި މަގާމުތަކަށް އައްޔަން ކުރާ މެންބަރުން ނޭޝަނަލް އެސެމްބްލީގެ އަޣުލަބިއްޔަތުން ފާސްކުރާއިރު ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ފަސް އަހަރު ދުވަހެވެ. 
ޕާޓީގެ ތަރުޖަމާނަކަށް އިމްތިޔާޒު ފަހުމީ އައްޔަންކުރުމަށް ޑިމޮކްރެޓްސް އިން ފާސްކޮށްފައިވާއިރު ސެކްރެޓަރީ ޖެނެރަލަކަށް އައްޔަންކޮށްފައިވަނީ އަލީ ރައްޒާނެވެ. އަދި ކައުންސިލް ޖެނެރަލްގެ މަގާމަށް އަރުޝަދު އަބްދުލް ހަކީމް އައްޔަންކޮށްފައިވާއިރު ރަޖިސްޓްރާ ޖެނެރަލް ކަމަށް އައްޔަންކޮށްފައިވަނީ ތާހާ ރަފީޢުއެވެ. 
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ނިންމުންތައް ވެސް ވަނީ ނިންމާފައެވެ. އެގޮތުން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށާއި އިންތިޚާބުގެ ޕްރައިމަރީ 17 ފެބްރުއަރީ 2024 ގައި ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ. މިއިންތިޚާބު ކުރިއަށްގެންދާނީ އެ ޕާޓީގެ އިދާރީ ހިންގުމުގެ ބޭނުމަށް އުފައްދާ އިންތިޚާބުތަކާ ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. 
މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރެވޭނީ 4 ފެބްރުއަރީ 2024 އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ކަމަށްވެސްވަނީ ނިންމާފައެވެ. މި ޕްރައިމަރީގައި ވޯޓު ދެވޭނީ ވެސް މިމުއްދަތުގެ ތެރޭގައި ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މެންބަރުންނަށް ކަމަށް ނޭޝަނަލް އެސެމްބްލީގައިވަނީ ފާސްކޮށްފައެވެ. 
މީގެ އިތުރުން ޑިމޮކްރެޓްސް އިން ވަނީ ތިން ދާއިރާއަކުން ކޮމިޓީތައް ވެސް އުފައްދާފައެވެ. އެތިން ދާއިރާއަކީ ރަށު، އަތޮޅު، ސިޓީ އަދި ގައުމީ ފަށަލައިގައި އުފައްދާ ޕޮލިސީ ކޮމިޓީތައް، ގައުމީ ފަށަލައިގައި އުފައްދާ ޕޮލިސީ ކޮމިޓީތައް އަދި އިދާރީ ކޮމިޓީތަކެވެ.