މުނިފޫހިފިލުވުން

"ވާށޭ މަށާ އެކީ" އޮލިމްފަހުގައި ދައްކަން ފަށައިފި


ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް "ވާށޭ މަށާ އެކީ" އޮލިމްޕަހުގައި ދައްކަން ފަށައިފިއެވެ.

މި ފިލްމް މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. މަހުދީ އަޙުމަދުގެ ސްކްރީން ޕްލޭއަކަށް ޢަލީ ޝިފާޢު ޑައިރެކްޓްކޮށްފައިވާ "ވާށޭ މަށާއެކީ" އަކީ ދިވެހި ސިނަމާއަށް އައި ފުރަތަމަ ރޮމޭންޓިކް ކޮމެޑީއެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މިހާރު ފިލްމީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ތަރި ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާއެވެ. މިއީ މަޖްދާއާއި ޖުމައްޔިލް އެކުގައި ފެންނަ ދެވަނަ ފިލްމެވެ.

ފިލްމްގެ ވާހަކައަށް ބަލާއިރު ވާހަކައަކީ ހެއްވާ މަޖާ އެތައްކަންތަކަކާއި އެކު ލޯބީގެ ތަފާތު ކަންތައްތަކެއް ގެނެސްދީފައިވާ ވާހަކައެކެވެ. މި ފިލްމް މިހާރު އޮލިމްޕަހުގައި ދައްކަން ފަށާފައިވާއިރު ފިލްމްގެ ފަސް ޝޯގެ ޓިކެޓްވަނީ ވިކި ހުސްވެފައެވެ. ފިލްމްގެ ފުރަތަމަ ޝޯ ބަލަން ވަތް ބައެއް ފަރާތްތަކުން ބުނީ މިއީ ރާއްޖޭގެ ޑައިރެކްޓަރަކު އުފެއްދި ތަފާތު ފިލްމެއްކަމުގައެވެ. އަދި މި ފިލްމް އެންމެ ފަހުން ޑާކްރެއިން އެންޓަޓެއިންމެންޓްއިން އުފެއްދި އެންމެފަހުން ވިންދާ ޖެހެންދެންއަށްވުރެ ރީތިކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

ފިލްމްގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ ބުނީ މި ފިލްމްގެ ޓިކެޓް ވިކޭ މިންވަރަށް ބެލުމަށްފަހު ފިލްމްގެ ޝޯތައް އިތުރުކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމުގައެވެ. ރޭ އޮލިމްޕަހުގައި ދައްކަން ފެށި މި ފިލްމް ރާއްޖޭގެ އެހެން ރަށްތަކުގައި ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރެއިން ފެށިގެން މިފިލްމް ހދ އަތޮޅުގެ ބައެއް ރަށްތަކުގައި ދައްކަންފަށާނެއެވެ. އަދި މިމަހުގެ 14ގައި އައްޑޫ ސިޓީގައި ފިލްމް ދައްކަން ފަށާނެއެވެ.