ޚަބަރު

މިންތީގެ ހަމަހަމަކަމަށް ބާރުއަޅާ ފަރާތްތަކަށް ދައުލަތުން އަރުވާ ޝަރަފެއްގެ ގޮތުގައި ނިޝާނެއް


  • މިންތީގެ ހަމަހަކަން ކަށަވަރުކޮށްފައިވާ މުއައްސަސާތަކަށް ޚާއްސަ ނިޝާނެއް އަރުވާނެ

  • މިނިޝާން ދެއްވަނީ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ކަންކަން ފުރިހަމަވާ ފަރާތްތަކަށް

  • އިސްރަށްވެހިންނަށް ޚާއްސަ ފުރަތަމަ މަރުކަޒު ހުޅުވަނީ ކުރީގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި

މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުން ޚާއްސަ ނިޝާނެއް ތަޢާރަފްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިގޮތުން ޖެންޑަރ އީކުއަލިޓީ ސީލްގެ ނަމުގައި ނިޝާނެއް ތަޢާރަފްކުރެއްވުމަށްވަނީ ނިންމަވާފައެވެ.

މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް އަންހެނުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. މިކަމަށް ބާރުއެޅުއްވުމުގެ ގޮތުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދީ ކުރިއަރާދިޔުމުގެ މަގު ދައްކައިދޭ އަދި އެކަމަށް ބާރުއަޅާ މުއައްސަސާތަކާއި ފަރުދުންގެ އަގު ވަޒަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކާ ގުޅޭ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށްފަހު މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބާރުއަޅާ ފަރާތްތަކަށް ޚާއްސަ ނިޝާނެއް ތައާރަފްކޮށް ދައުލަތުން އަރުވާ ޝަރަފެއްގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

"މީހުންކުރާ ރަނގަޅުކަންކަން ފާހަގަކޮށް ދައުލަތުން އެކަންކަމަށް ރިކޮގްނިޝަން ދިނުމަކީ އެފަދަ ކަންކަން ކުރުމަށް ލިބޭ ހިތްވަރެއް. އެއުސޫލުގެ ތެރެއިން ސޯޝަލް މިނިސްޓްރީން ނިންމަވާ ގޮތެއްގެ މަތިން މިންތީގެ ހަމަހަމަކަން ޤާއިމުކުރެވިފައިވާ މުއައްސަސާތަކަށް އެވޯޑެއް ދެއްވުމަށް މިނިންމުނީ. މިފަދަ އެވޯޑުތަކުގެ ސަބަބުން އެހެން މުއައްސަސާތަކުންވެސް އެފަދަ އެވޯޑުތައް ހޯދުމަށް މަސައްކަތްކުރާނެ. ދައުލަތުގެ މުއައްސަސާތައް އެއްތަނަކަށް ޖަމާވެ އެމަޝްވަރާކުރުމަށް ބާރުއެޅުން. ރަނގަޅުކަންކަން ރަސްމީގޮތެއްގައި ފާހަގަކުރުމަކީ އެކަންކަން ކުރުމަށް ބާރުއެޅުން މީގެ ބޭނުމަކީ." ނާޡިމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޡިމް ވިދާޅުވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާޢީ މަރުކަޒެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ފުރަތަމަ މަރުކަޒު މާލޭގައި ޤާއިމުކުރިނަމަވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ރަށްތަކުގައިވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

"މުޖުތަމަޢުގެ ތެރޭގައި ވަރަށް ގިނަ އިސްރަށްވެހިން އެބަތިބި. ޤައުމަށް އެކި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން. އެހެންކަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެއް ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުންވެސް އެފަދަ ބޭފުޅުންނަށް އެހީތެރިވުމަކީ. އެހެންކަމުން މިފަދަ ފުރަތަމަ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުހުރިތަނުގައި." ނާޡިމް ވިދާޅުވިއެވެ.

ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ މަޝްވަރާތަކަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމަވާ މުހިއްމު ނިންމެވުންތައް ސަރުކާރުން އަންނަނީ ނޫސްވެރިންނާއި ހިއްސާކުރައްވަމުންނެވެ. އެގޮތުން މިއަދުގެ މިބައްދަލުވުމުގައިވަނީ އާދިއްތަ ދުވަހު ނިންމި މުހިއްމު 9 ނިންމުމެއް ހިއްސާކުރައްވާފައެވެ.