ޚަބަރު

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް


  • ދުވަސް ފަށާނީ ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުން

  • ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުންވި މިހުންގެ ހަނދާނުގައި ސުކޫތެއް

  • ދުވަހާގުޅޭ މަޢުލޫމާތު ދިނުމަށް ގިނަ ހަރަކާތްތަކެއް

މިއަހަރުގެ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖޭގައި ޤައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދިޔުމަށް ނިންމާފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު އަޙްސަން ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދިއުމަށް ރާވާފައިވާކަމަށެވެ.

އެގޮތުން އެ ދުވަހުގެ ހަރަކާތްތައް 26 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ބޮޑު ޖަމާއަތުން ކުރެވޭ ފަތިން ނަމާދުން ފެށިގެން ދާނެކަމަށް އަޙްސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފަތިސް ނަމާދުން ދުވަސް ފެށުމަކީ އިސްލާމްދީނުގެ މުހިންމު އަސާސްއަކަށްވެފައި، މިކަމުގެ ސަބަބުން ދިވެހީންގެ މެދުގައި ޒަމާނުންސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާވެގެން ދާނެކަމަށެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއަޢުޡަމް، ކިންގް ސަލްމާން މިސްކިތް ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ މަސްޖިދުލް އަލްސާނީ މިސްކިތާއި، ވިލިމާލޭގެ މަސްޖިދުލް ބިއްރުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުންވި މިހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށްޓަކައި، ސުނާމީގެ ރާޅު އެންމެ ފުރަތަމަ އެރިކަމަށް ރެކޯޑުކުރެވުނު ގަޑި ހެނދުނު 09:23 ގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ކަނޑައަޅާފައިވާ ސޭފު ޒޯން ސަރަޙައްދަށް އެއްވެ ސުކޫތުގައި ބައިވެރިވުން އޮންނާނެކަމަށެވެ.

މާލެ ސަރަޙައްދުގެ އޮފީސްތަކުން އެ އޮފީހެއްގެ އިމާރާތެއްގެ ބޭރަށް ނުކުމެ ސުކޫތުގައި ބައިވެރިވެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ސުކޫތު ބޭއްވުމުގެ ކުރިން ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރު އެމް.އެން.ޑީ.އެފްއިން ސައިރަން އެއް އަޅާނެކަމަށް އާތިކާ ވިދާޅުވިއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއާއި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ކައުންޓް ޑައުނެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ރާއްޖޭގައި ހަމަހިމޭން ކަމުގެ ސުކޫތެއް އެބަ ގެނެވޭ. މި ސުކޫތު ގެނައުމުގެ ކުރިން އެމްއެންޑީއެފް މެދުވެރިކޮށް އެބަ ސައިރަންއެއް އަޅާ. އެ ސައިރަންގެ އިތުރައް ޕީއެސްއެމް މެދުވެރިކޮށް ޓީވީ އަދި ޜޭޑިއޯ މެދުވެރިކޮށް ކައުންޑައުން ފެށުމަށް ހަމަޖެހިފައި މި ވަނީ ނުވަގަޑި ސުންމިނެޓްގައި. އޭގެ މަނާއަކީ ހުރިހާ އިދާރާތަކުން އޮފީސްތަކުން މި ސުކޫތައް ތައްޔާރުވާން ވީއޭ. އެ އޮފީހެއް ނުވަތަ އިދާރާގެ ތިރިޔައް ވަޑައިގަގެން" އާތިކާ ވިދާޅުވިއެވެ.

އާތިކާ ވިދާޅުވީ، އެއްބައިވަންތަކަން ރަމްޒުކޮށްދޭ ފަދަ ޙަރަކާތެއް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަތް ގެންދިއުމުގެގޮތުން އެމް.ޓީ.ސީ.ސީގެ ފެރީގެ ނިޒާމު މެދުވެރިކޮށް އެއް ރަށުން އަނެއް ރަށަށް ކޭން ނުވަތަ ތަށި ބަރިއެއް ނުވަތަ ހަދިޔާއެއް ގެންގޮސްދިނުމުގެ އިންތިޒާމު އެމް.ޓީ.ސީ.ސީއިން ހަމަޖައްސައިދީފައިވާތީ، އެތަކެތި ތައްޔާރުކޮށް އެކުންފުނީގެ ފެރީއާއި ޙަވާލުކުރުމުން އެތަކެތި ފޯރުކޮށްދެވޭނެކަމަށް އާތިކާ ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ދުވަހާއި ގުޅުވައިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ މަޢުލޫމާތު ޢާންމުންނަށް ގެނެސްދިނުމަށްޓަކައި، ޕީއެސް.އެމްއާ ގުޅިގެން އެއްބައިވަންކަމުގެ ދުވަހުގެ ޓީވީ ޝޯވ ހެނދުނާ ހެނދުނާ 8:00 އިން 12:00 އަށް ކުރިއަތް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މި ޕްރޮގްރާމްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް، ޤައުމީ ދިފާއީ ބާރު، ދިވެހި ފުލުހުންގެ ޚިދުމަތް، އެޗް.ޑީ.ސީ އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންވެސް މައުލޫމާތު ދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދުވަހުގެ ރަސްމީ ޖަލްސާ އެ ރޭގެ 20:00 ގައި ދަރުބާރު ގޭގައި އޮންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ މި ޙަރަކާތްތަކުގައި ޤައުމީ ދިދަ ބޭނުންކުރުމާއި، އެ ވުޒާރާއިން ދޭ ޤައުމީ ލަވައާއި ދުވަހާ ގުޅޭ މެސެޖުތައް ހިމެނޭ ޓްރެކްތައް ބޭނުންކުރުމަށް އެދިލައްވާފައެވެ.

މީގެ އިތުރުން ދުވަހާއި ގުޅުވައިގެން އެ ވުޒާރާއިން ފޭސްބުކްގައި ހަދައި އިވެންޓް ޕޭޖްގައި އެ ރަށެއްގައި ނުވަތަ އެ އޮފީހެއްގައި ކުރިއަތްގެންދާ ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯ ޕޯސްޓްތައް އަޕްލޯޑް ކުރުމަށް ވަނީ އެދިފައެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި 26 ޑިސެމްބަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސުނާމީ ކާރިސާގައި ދިވެހިން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމަށްޓަކައެވެ.