ޚަބަރު

މީޑިއާ ވިލެޖެއް ހެދުމުގެ މަސައްކަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


  • ވިލެޖް ހަދާނެ ބިމެއް ކަނޑައެޅުމާއި، ބިން ޔުޓިލައިޒް ކުރާނެ ގޮތް ކަނޑައެޅުމަށް އަންގަވާފައިވޭ

  • އަދި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ކަމާބެހޭ ވުޒާރާތަކަށް އަންގަވާފައިވޭ

މީޑިއާ ވިލެޖު ހެދުމުގެ މަސައްކަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ވިލެޖު ހެދުމުގެ މަސައްކަތް ފަށަން ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންތައްތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޘިމް ވިދާޅުވީ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ހުށަހެޅި ކަރުދާހުގައި އެންމެ މުހިންމު ނިންމުމެއް ގޮތުގައި ނިންމާފައިވަނީ މީޑިއާ ވިލޖެއް އެކުލަވާލުމާ ގުޅޭގޮތުން ނިންމި ނިންމުން ކަމަށެވެ. އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށް ނާޘިމް ވިދާޅުވިއެވެ.

ނާޘިމް ވިދާޅުވީ މީޑިއާ ވިލެޖު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި، ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ކަމާ ބެހޭ ވުޒާރާތަކުން ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް ނާޘިމް ވިދާޅުވިއެވެ.

މީޑިއާ ހިންގުމަށް ޚާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙައްދުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާއެވެ.