ޚަބަރު

ކޮންމެ މަސްދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީންކުރުމަށް ރައީސް ނިންމަވައިފި


  • މިޕްރޮގްރާމް ހިންގަނީ ކުރިއަށް އޮތް 5 އަހަރަށް ބަހާލައިގެން

  • ދައުލަތުން މިކަމަށް ޚަރަދުކުރާނެކަންވަނީ ހާމަކުރައްވާފައި

މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި ތަމްރީން ފަށަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުށައަޅާފައިވަނީ ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށް މަސް ދޯނިފަހަރަށް އަމާޒުކޮށް ޑައިވިންގ ތަމްރީން ޕްރޮގްރާމެއް ހިންގުމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ވައިފުޅި އަޅައިގެން ފީނާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާކަން އެއީ ހާމަވާންއޮތް ކަމެއްކަމަށެވެ.

" ކުރިއަށްއޮތް 5 އަހަރަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމެއް. ދައުލަތުން މިއަށް ޚަރަދު ކުރެވި ސަރުކާރު ގަބޫލުކުރާ ޓްރެއިނިން ދޭ ސެންޓަރުތަކުން މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކެބިނެޓުން ނިންމަވާފައި ވަނީ." ނާޡިމް ވިދާޅުވިއެވެ.

ވައިފުޅި އަޅައިގެން ފީނުމާއި ގުޅޭ ރަނގަޅު މައުލޫމާތާއި ތަމްރީން ނުލިބި މިކަން ކުރުމުގެ ސަބަބުން މީގެކުރިން ބައެއް މަސްވެރިންނަށް ސިއްހީގޮތުންވެސް ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިވެފައެވެ. އަދި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންގެ މައުލޫމާތު އެއްކޮށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް މަސްވެރިކަމާއި ގުޅޭ ވުޒާރާއިން ދަނީ ކުރަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ބޭނުންވާ ތަޢުލީމާއި، ތަމްރީންތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.