ޚަބަރު

ދޮންފަނަށް ދިމާވި ކަރަންޓު މައްސަލަ އެއްކޮށް ހައްލުކޮށްފި


  • ދޮންފަނަށް ކަރަންޓު މައްސަލަ ދިމާވީ ހޮނިހިރުދުވަހު

  • ފެނަކައިގެ މަސައްކަތުން ހަމަ އެދުވަހު އެރަށަށް ކަރަންޓު ލިބޭ ގޮތް ހެދި

  • ދާއިމީ ހައްލަކަށް ޖަނަރޭޓަރ ސެޓެއް ހޯދާ، މިހާރު ވަނީ އިންސްޓޯލްކޮށްފައި

ޖަނަރޭޓަރ ސެޓެއް އިންސްޓޯލްކޮށް، ބ. ދޮންފަނަށް ދިމާވި ކަރަންޓު މައްސަލަ އެއްކޮށް ހައްލުކޮށްފިއެވެ.

ދޮންފަނު އިންޖީނުގޭގެ ޖަނަރޭޓަރތަކަށް މައްސަލައެއް ދިމާވެ، މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދޮންފަނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯރޕަރޭޝަނުން އޭރު ވިދާޅުވެފައިވަނީ ޖެންސެޓް މަރާމާތު ކުރުމަށް ވަގުތުން މަސައްކަތް ފެށިކަމަށެވެ. އަދި މިމަސައްކަތުން، ކަރަންޓު މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، އެދުވަހު 17:15ގައި މުޅި ރަށަށްވަނީ ކަރަންޓު ދީފައެވެ.

އަދި ދާއިމީ ހައްލަކަށް ދޮންފަނު ބްރާންޗްގެ ކަރަންޓު ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ 250 ކިލޯ ވޯޓުގެ ޖެންސެޓް
އިންސްޓޯލްކޮށް، ރަށުގެ ކަރަންޓު ޚިދުމަތަށް ދިމާވި މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުކޮށްފައި ކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވިއެވެ.

600 މީހުންގެ އާބާދީއެއް އޮންނަ ބ. ދޮންފަނުގައި އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 1999 ވަނަ އަހަރުއެވެ. އަދި މިއަހަރުތެރޭގައި ސަރުކާރުންވަނީ ދޮންފަނުގެ އިންޖީނުގެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޚިދުމަތްދޭން ފަށާފައެވެ.

އައު އިންޖީނުގެއާއެކު، މީގެ ކުރިން 150 ކިލޯވޮޓުން ދެމުން އައި ކަރަންޓް ކެޕޭސިޓީވަނީ 600 ކިލޯވޮޓަށް އިތުރުވެފައެވެ. އައު އިންޖީނުގޭގައި ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމަށް މުޅިން އައު ކޭބަލް ނެޓްވޯކެއްވެސް ވަނީ އަޅާފައެވެ. އަދި ސޯލާރ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މީގެކުރިން ފެނަކަ ކޯރޕަރޭޝަނުންވަނީ ވިދާޅުވެފައެވެ.