ކުޅިވަރު

ލީގް ބުރުގައި ކުޅުނު ފަހު މެޗްވެސް މިސްކިތްމަގު ކާމިޔާބުކޮށްފި


ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ދެކުނު ބައިގެ ލީގް ބުރުގައި ކުޅުނު ފަހު މެޗްވެސް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފިއެވެ. 

މިއަދު ހަވީރު ފުވައްމުލަކު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް މިސްކިތްމަގު އެންމެންގެ ގުޅުން ގެންދިޔައީ ހަތަރެއް ފަންސަވީސް، ވިހި ފަންސަވީސް އަދި ފަނަރަ ފަންސަވީހުންނެވެ. މިއަދުގެ މެޗަށް ނިކުތް އިރުވެސް ފައިނަލްގެ ޖާގަ ޔަގީންވެފައިވާ މިސްކިތްމަގު އެންމެންގެ ގުޅުމަށް ފައިނަލްގެ ޖާގަ ލިބެނީ ލީގް ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މިިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިޝާތު މާޖިދާއެވެ. 

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފިސްޑާ) އާއި، ވެށިނަލަ ޖަމިއްޔާއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފުވައްމުލަކު ސްޕޯޓްސް ކުލަބާއި، ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފިސްޑާ) އާއި، ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އާއި، މިސްކިއްމަގު އެންމެންގެ ގުޅުން އަދި ވެށިނަލަ ޖަމިއްޔާއެވެ.