އިމާރާތްކުރުމުގެ ދާއިރާއަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ ދާއިރާއަކަށް ހެދުމަށްޓަކައި އަންހެން ކަނބަލުންނާއި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވެން ހުރި އެންމެ ފަހި ފުރުސަތުތައް ދޭބަޔަކަށް ވާންޖެހޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސީގެ ބިލްޑަރ އެވޯޑްސް ދިނުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހޮޓެލް ޖެންގައި ބޭއްވި "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ އިމާރާތްކުރުމުގެ ދާއިރާއަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ ސިނާއަތަކަށްވާން ކަމަށެވެ. އެގޮތުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތަކީ އަންހެން ބޭފުޅުން ވަރަށްމަތީ އިންސައްތައެއްގައި މަސައްކަތްކުރާ ސިނާއަތަކަށް ބަދަލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކިޔަވައިގެންތިބި މީހުންނަށް ބަލާއިރުވެސް އަދި އެކިފަންނުތަކުގެ މަސައްކަތްތެރިންގެ ތެރޭގައިވެސް އަންހެނުން ގިނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކި ގިންތިތަކުގައި މަސައްކަތް ކުރުމުގައިވެސް އަންހެން ބޭފުޅުންނަށް އެމަގުފަހިކަން ހޯދަންޖެހޭ ކަމަށެވެ.
" ކީއްވެތޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެކިއެކި ފަންނުތަކުގައި އެކިއެކި ގިންތިތަކުގައި މަސައްކަތްކުރުމުގަ އެމަގުފަހިކަން އަންހެން ބޭފުޅުންނަށް ނުހޯދެންވީ. ހޯދަދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ މަސީއާއި އަދިވެސް މިދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ކަނބަލުންނަށް މިދާއިރާގައި މިހާރަށްވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހޯދާދިނުމަށް ސިޔާސަތުތައް ބައްޓަންކޮށް އެކަމަށް މަސައްކަތްކުރާ ބަޔަކަށްވާން. އިރާދަކުރެއްވިއްޔާ އެކަން ދާއިރާތަކުގެ ބޭފުޅުންގެ އެހީތެރިކަމާއެކީ ހާސިލްކުރެވޭނެ. އެކަމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޔަޤީންކުރަން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ހަމައަށް ވާޞިލުވެ އެފަރާތްތަކަށް ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް އިމާރާތްކުރުމުގެ ސިނާޢަތުގެ ތެރެއިން ލިބިދެވެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ މިސިނާއަތަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނޭ އިންކުލޫސިވް ސިނާއަތަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އިންކުލޫސިވް އިންޑަސްޓްރީއަކަށް ހެދުމަށް އަންހެން ބޭފުޅުންނާއި، އެކިއެކި ޑިސްއެބިލިޓީ ހުންނަ ފަރާތްތަކަށް ދެވެންހުރި އެންމެ ފަހި ފުރުސަތުތައް ދޭނެ ބަޔަކަށް ވާންޖެހޭ. އެކަމުގައި ސަރުކާރާ އެކީގައި ވަރަށް އިސްދައުރެއް އަދާކުރުމަކީ އަދި އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުން އެދޭކަމެއް. ދެކެން ބޭނުންވަނީ މިއިންޑަސްޓްރީ ދެ އޮތް ހަރުފަތަށްދާއިރު މިފަދަ ހުރިހާ ފަރާތްތަކަށް ބައިވެރިވާ އިންޑަސްްޓްރީއަކަށްވާން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިމާރާތްކުރުމުގެ ސިނާއަތަށް ދިރުން ގެނެސް ކަމާބެހޭ ޤާނޫންތައް މަޖިލިސްއިން ފާސްކުރެވިގެން ދިޔައީ މަސީގެ ބޮޑު ބައިވެރިވުމަކާއެކުކަން ފާހަގަކުރައްވާ މިސިނާއަތް މިއަދާ ހަމައަށް ގެނައުމަށް ކުރެއްވި މަސައްކަތަށްޓަކައި މަސީއަށާއި ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.