ޚަބަރު

"ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރުން ނިމުމަކަށް ގެންނަންޖެހޭ"


  • މިކަމަށްޓަކައި ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި

  • އެވޯޑުކުރުމުގައާއި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރައްވާނެ

  • ފަންނުވެރިކަމުގައި އިމާރާތްކުރުމުގެ ދާއިރާއިން މުހިންމު ދައުރެއް އަދާކޮށްދިނުމަށް އެދިވަޑައިގެންނެވި

ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރު ކުންފުނިތަކުން ޑޮމިނޭޓް ކުރާ ކުރުން ނިމުމަކަށް ގެންނަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސީގެ ބިލްޑަރ އެވޯޑްސް ދިނުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އެވޯޑް ދިނުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދިފާޢުކުރާ ވާހަކައަކީ ހުރިހާ މާނައެއްގައި މިނިވަންކަން ދިފާޢުކުރުމުގެ ވާހަކަކަމަށެވެ. ރައީސް ވިދާޅުވީ ފަންނުވެރިކަމާއި ސިނާޢަތްތައް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެން ދިއުމުން ނޫނީ މިކަން ހާސިލް ނުވާނެކަމަށެވެ.

އެގޮތުން ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާ ކުރުން ނިމުމަކަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ކުރުމަށްޓަކައި ޤަވާއިދުތަކާއި ޤާނޫންތަކަށް ގެންނަންޖެހޭ ބަދަލުތައް ސިނާޢަތުގެ ބޭފުޅުންނާއި މަޝްވަރާކުރައްވައިގެން ގެންނަވާނެ ކަމަށާއި، އަދި އެވޯޑުކުރުމުގައާއި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކި ކަހަލަ ޚާއްސަ މަސައްކަތް ކުރަން ބޭރު ކުންފުނިތަކުން އުޅެންވެސް ޖެހޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މަޝްރޫޢުތައް ލިބޭއިރު ދިވެހި ކުންފުނިތަކަކީ އެކަމުގައި ނަގާ ކިޔާ ލީޑްރޯލް އަދާކުރާ ފަރާތްތަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މިއީ މިކަންކުރަން އެމަނިކުފާނު ގަސްދުކުރައްވާ ގޮތްކަމަށް ވިދާޅުވިއެވެ.

"މިހާރު މިފެންނަ ސަރުކާރުގެ މަޝްރޫޢުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާ ކުރުން ނިމުމަކަށް ގެނައުމަށް ބުރަމަސައްކަތްތަކެއް ކުރަންޖެހޭ. ޤަވާއިދުތަކާއި ޤާނޫންތަކަށް ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާނަން. އެވޯޑުކުރުމުގައާއި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރާނަން. ދިވެހި މަސައްކަތްތެރިންނަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އެބަޖެހޭ މިފަހިކަން ދޭން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ހުރި ޒަމާންވީ ބިނާތައް ކުރިއަށް ހުރި ޖީލުތަކާ ހަމައަށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންނުވެރިކަމުގައި ކޮންސްޓްރަކްޝަން ދާއިރާއިން މުހިންމު ދައުރެއް އަދާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ވަޒީރުންގެ މަޖިލީހުން ނިންމެވި އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ މުހިންމު ނިންމެވުމަށް ހިއްސާކުރައްވާފައެވެ. އެއީ ޢިމާރާތްކުރުމުގެ ސިނާޢަތާ ގުޅޭ 3 ދާއިރާއެއްގައި ކުރިއަށް އޮތް 2 އަހަރުފަހުން މުޅިން ދިވެހިން މަސައްކަތްކުރާގޮތަށް ކަނޑައެޅުމެވެ. އެ ތިން ދާއިރާއަކީ ބިލްޑިންގ އިންސްޕެކްޓަރސް، ސައިޓް ސުޕަވައިޒަރުން އަދި ސަރވޭޔަރުންގެ ދާއިރާއެވެ.

"ކުރިއަށް އޮތް 2 އަހަރުފަހުން މަސައްކަތްކޮށް 2 އަހަރުފަހުން 3 ފީލްޑަކީ އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ 3 ދާއިރާ. އެއީ ބިލްޑިންގ އިންސްޕެކްޓަރސް، ސައިޓް ސުޕަވަިޒަރސް، ސަރވެޔަރުންގެ ދާއިރާ. މިދާއިރާތަކަކީ ކުރިއަށް އޮތްތަނުގައި ހަމައެކަނި ދިވެހިން މަސައްކަތްކުރާނެ ދާއިރާތައް". ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަމާބެހޭ ސްޓޭކް ހޯލްޑަރުންނާއެކީ މަސައްކަތްކުރެވި ތަމްރީން ފުރުސަތުތައް ދީ މަސައްކަތް ލިބޭނޭގޮތަށް ކަންކަން ބައްޓަންކުރެވިގެން 2 އަހަރާއި 5 އަހަރު ތެރޭގައި ދިވެހިންނަށް ޚާއްސަ ދާއިރާތަކުގެ ގޮތުގައި ވަރަށް ގިނަ ދާއިރާތައް ކަނޑައެޅިފައިވާ ކަމަށެވެ.