ޚަބަރު

މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް 6 ފަރާތަކަށް


  • މި އެވޯޑް ޙަފްލާގައި ޖުމްލަ 6 ފަރާތަކަށް ދިން

  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް 2 ފަރާތަަކަށް

  • މިއީ މަސީ ބިލްޑަރ އެވޯޑްސް ދިން ފުރަތަމަ ފަހަރު

  • ކޮންމެ އަހަރަކުވެސް މި އެވޯޑް ދިނުމަކީ އަމާޒެއް

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް 6 ފަރާތަކަށް ދީފިއެވެ. މިއީ މަސީން މި އެވޯޑްދިން ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީ އުފެދިފައިވަނީ 2001 ވަނަ އަހަރުއެވެ. މި އެވޯޑަކީ މަސީ އުފެދުނީއްސުރެ ދިނުމަށް މަސައްކަތް ކުރަމުންދިޔަ އެވޯޑެއްކަމަށް މަސީން ވަނީ ބުނެފައެވެ.

މި އެވޯޑް ޙަފްލާގައި މުޅި ޖުމްލަ 6 އެވޯޑެއް ވަނީ ދީފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ. މި އެވޯޑް އިމާރާތްކުރުމުގެ ސިނާއަތުގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ 2 ބޭފުޅަކަށް ވަނީ އެވޯޑް އަރުވާފައެވެ.

އެއީ އަމީން ގްރޫޕް އޮފް ކޮންޕެނީސްގެ ޗެއަރމަން ޢަބްދުﷲ މުޙައްމަދާއި، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަރމަން އަދި މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހްއެވެ.

މި އެވޯޑް ޙަފްލާގައި ދީފައިވާ އިތުރު އެވޯޑްތަކަކީ:

• ކޮންޓްރެކްޓަރ އޮފް ދި އިޔަރ - އެލިއަރ ކޮންސްޓްރަކްޝަން އަދި އަމީން ކޮންސްޓްރަކްޝަން
• ސިމެންޓް ސަޕްލަޔަރ އޮފް ދި އިޔަރ – ވިލާ ހަކަތަ
• ޕްރޮޖެކްޓް ޑެލިވަރީ އެވޯޑް އޮފް ދި އިޔަރ – ބައިސަން މޯލްޑިވްސް

މި ޙަފްލާ ވާހަކަދައްކަވަމުން މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވީ، މިއީ މަސީގެ ތާރީހުގައި ވަރަށް އުފާވެރި ރެއެއްކަމަށެވެ. މަސީ ވުޖޫދުވުމަށްފަހު މި އެވޯޑްދޭން މަސައްކަތް ކުރި ނަމަވެސް މިކަން ހަޤީގަތަކަށް ވެގެން މިދިޔައީ މިއަހަރުކަމަށް ޖަނާހް ވިދާޅުވިއެވެ.

ރާއްޖެއަކީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ވަރަށް މޮޅެތި މީހުން އުޅޭ ޤައުމެއްކަން ފާހަގަކުރައްވަމުން ޖަނާ ވިދާޅުވީ، ރާއްޖޭގެ ބިނާވެށި އޮތީ ދިވެހިންގެ އަތްމަތީގައިކަމަށެވެ. ފަތުރުވެރިކަމުންވެސް މުޅި ދުނިޔެއަށް އެންމެ މޮޅު ޕްރޮޑަކްޓް ނެރެދީފައިވަނީ ރާއްޖެއިންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމުގެ ސަބަބެއްގެ ގޮތުގައި ހަމައެކަނި އޮތީ މާކެޓިން ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމުގައިވެސް ޢިމާރާތްކުރުމުގެ ސިނާޢަތުގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ.

"70 އަހަރުތަކުގައާއި އަދި 80 ގެ އަހަރުތަކުގައި އަޅުގަނޑުމެން ރިސޯޓްތައް ހަދަން ފަށައި މިއަދު ދުނިޔެއަށް ދައްކާދީފައި އޮންނާނީ މިއީ ދުނިޔޭގެ އެންމެ ކުޅަދާނަ ރިސޯޓް ހަދާ މީހުންކަމަށް. ދިވެހިރާއްޖެއަކީ ޓުއަރިޒަމް އިންޑަސްޓްރީގެ ދުނިޔޭގެ ނަންބަރ 1 އެއް ނޫން އިނގޭތޯ. ދިވެހިރާއްޖެއަކީ ޓުއަރިޒަމް އިންޑަސްޓްރީއަށް ދުނިޔެއަށް އެންމެ މޮޅެތި ޕްރޮޑަކްޓް ނެރެދޭ ޤައުމު. އެ ޕްރޮޑަކްޓް އެގޮތައް ނެރެދެވެނީ ކުޅަދާނަ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ކޮލެޓީ ޕްރޮޑަކްޓް ނެރެދެވޭތީ." މަސީ ވިދާޅުވިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޙަފްލާގެ ތެރެއިން މަސީން ވަނީ ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ މަސީގެ "ބޮޑުރަސްގެފާނު ލަޤަބް" އެމަނިކުފާނަށް އަރުވާފައެވެ.