ޚަބަރު

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް ވައިޘް ވަޙީދު


  • ވައިޘް ވަނީ ދިވެހި އަސްކަރިއްޔާގައި 34 އަހަރު ޚިދުމަތްކުރައްވާފައި

  • ރިޓަޔަރކުރެއްވީ މިމަހުގެ 12 ވަނަ ދުވަހު

  • ކައުންޓަރ ޓެރަރިޒަމް އުފައްދާފައިވަނީ 2016 ވަނަ އަހަރު

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު، އެން.ސީ.ޓީ.ސީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް ވައިޘް ވަޙީދު އައްޔަނުކުރައްވައިފިއެވެ.

34 އަހަރުގެ އަސްކަރީ ޚިދުމަތަށް ފަހު މޭޖަރ ޖެނެރަލް ވައިޘް ވަޙީދު، ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ވައިޘް އައްޔަނުކުރައްވާފައިވާއިރު، މިހާތަނަށް އެ މަޤާމު ފުރުއްވަމުން ގެންދެވީ ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރެވެ.

ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ މިނަމުގައި ޚާއްޞަ ސެންޓަރެއް އުފައްދަވާފައިވަނީ 25 ފެބުރުވަރީ 2016 ގައެވެ. މި ސެންޓަރު މި އުފެއްދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ، ޓެރަރިޒަމުގެ ޙަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ދިވެހިރާއްޖޭގައްޔާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރުމެވެ. އަދި ދިވެހިސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުވައްސަސާތަކާ ވިލަރެސްކުރައްވައިގެން މިފަދަ ޙަރަކާތްތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.

މޭޖަރ ޖެނެރަލް ވައިޘް ވަޙީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު ހުންނެވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓްކަމާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރުކަމާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރުކަމާއި، ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) ގެ ޗެއަރމަންގެ މަޤާމުގައެވެ.