ގައުމީ ގްރޯން ޕްރީ 2023 ގައި ހެދި ގައުމީ ރިކޯޑުތަކާއެކު މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހުސެއިން ފަޒީލް ހާރޫނާއި ފަސޫހާ އަޙްމަދު ހޮވިއްޖެއެވެ.
މި ހަފުތާ ބަންދުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ބައިގެ އެއްވަނަ ފަޒީލަށް ލިބުނީ އޭނާ ވާދަކުރި އިވެންޓުތަކުގެ ތެރެއިން 3000 މީޓަރު ދުވުމުން ގައުމީ ރިކޯޑަކާއެކުއެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ފަޒީލުގެ އަތުގައެވެ. އެއީ ނުވަ މިނެޓު 2.57 ސިކުންތުން ދުވުން ނިންމައިގެންނެވެ. މި އަހަރުގެ ގްރޯން ޕްރީގައި ވާދަކޮށް ފަޒީލް ގައުމީ ރިކޯޑު އައުކުރީ އަށް މިނެޓު 55.87 ސިކުންތުން ނިންމައިގެންނެވެ.
އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ފަސޫހާއަށް ލިބުނީ ޖުމްލަ ދެ ގައުމީ ރިކޯޑަކާއެކުއެވެ. ފަސޫހާ ވަނީ މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މުގުރާލައެވެ. ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ފަސޫހާ ނިންމީ ފަސް މިނެޓު 4.02 ސިކުންތުންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އައިޝަތު ޖާއިޝާ ޖުނީޒްގެ އަތުގައެވެ.
ފަސޫހާ ވަނީ މުބާރާތުގެ ދެވަނަ ދުވަހު އަންހެނުންގެ 800 މީޓަރު ދުވުމުން އެއްވަނަ ހޯދައި، ގައުމީ ރިކޯޑާއި މީޓު ރިކޯޑު އައުކޮށްފައެވެ. މީޓް ރިކޯޑު މީގެކުރިން އޮތީ ޖާއިޝާގެ އަތުގައެވެ. އެއީ ދެ މިނެޓު 28.97 ސިކުންތުން ނިންމައިގެންނެވެ. މި އަހަރުގެ ގްރޯން ޕްރީގައި ވާދަކޮށް ފަސޫހާ މި ރިކޯޑު މުގުރާލީ ދެ މިނެޓު 19.73 ސިކުންތުން ނިންމައިގެންނެވެ. 800 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މީގެކުރިންވެސް އޮތީ ފަސޫހާ އަތުގައެވެ. އެއީ ދެ މިނެޓު 20.66 ސިކުންތުން ނިންމައިގެންނެވެ.
މުބާރާތުގެ އެންމެ ފަހު ދުވަހު ކުރިއަށްދިޔަ އިވެންޓުތަކުގެ ތެރެއިން ފިރިހެނުންގެ ލޯންގް ޖަމްޕުގެ އެއްވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް އިރްފާހެވެ. އޭނާ އެއްވަނަ ހޯދީ 1.68 މީޓަރަށް ފުންމައިގެންނެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް އޭނާ މީގެކުރިން ހަދާފައިވާ މީޓް ރިކޯޑު އައުކޮށްފައެވެ. މި އަހަރުގެ ގްރޯން ޕްރީގައި ވާދަކޮށް 200 މީޓަރު ދުވުން ސާއިދު ނިންމީ 22.04 ސިކުންތުންނެވެ. މީގެ ކުރިން ގްރޯން ޕްރީގައި ވާދަކޮށް ސާއިދުގެ ޓައިމިން އަކީ 22.49 ސިކުންތެވެ.
މުބާރާތުގެ އަންހެން 200 މީޓަރު ދުވުމުގެ އެއްވަނަ ހޯދާފައިވަނީ އަހުނާ ނިޒާރެވެ. އެއީ 26.81 ސިކުންތުން ނިންމައިގެންނެވެ. އަދި 3000 މީޓަރު އަންހެން އެއްވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައިޝަތު ބިންތު އަޙްމަދެވެ.