ޚަބަރު

ހުޅުމާލެއިންވެސް ފައިލޭރިއާގެ ކޭހެއް ފެނިއްޖެ


  • އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން

  • ކުޅުދުއްފުށިންވެސް ފައިލޭރިއާގެ ކޭސްތަކެއް ވަނީ ފެނިފައި

  • މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް

  • މިހާތަނަށް ބަލި ފެނިފައިވަނީ ބިދޭސީންގެ ގައިން

ރާއްޖެއިން މީގެ އަހަރުތަކެއް ކުރިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭހެއް ހުޅުމާލެއިންވެސް ފެނިއްޖެއެވެ. ހުޅުމާލެއިންވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީއެކެވެ.

މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން އަންނަނީ ބަލަމުންނެވެ.

ހުޅުމާލެއިން ފައިލޭރިއާގެ ކޭހެއް ފެނިފައިވާއިރު، މިމަހު ކުރީކޮޅު ކުޅުދުއްފުށިން ސިޓީއިންވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. އެ ސިޓީން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 25 މިހާރު ވަނީ އަރާފައެވެ. މިހާތަނަށް މި ބަލި ފެނިފައިވަނީ ބިދޭސީންގެ ގައިންނެވެ.

ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. މި ޕެރެސައިޓުގެ ސަބަބުން ހަށިގަނޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރެއެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، އެންމެ އާންމުކޮށް މި އައިބުކަން ފެންނަނީ އަތާއި ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

މި ޖައްސާ ޖަރާސީމު ފެތުރެނީ މަދިރީގެ ޒަރީއާއިންނެވެ. އަދި އާއްމުކޮށް ފެތުރެނީ ކިއުލެކްސް ނަމަކަށްކިޔާ މަދިރީގެ ޒަރީއާއިންނެވެ.