ޚަބަރު

މަޖިލިސް އިންތިޚާބުގެ ޓާސްކްފޯހުގައި މަސައްކަތްކުރާނެ މީހުން ހޯދުމަށް ޖޮބް ފެއަރއެއް


  • ޓާސްކްފޯހުގައި މަސައްކަތްކުރާނެ ފުރުޞަތު 100 އަށްވުރެ ގިނަ ފަރާތަށް

  • އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ ގިނަ މަޤާމްތަކަކަށް މީހުން ނަގާނެ

  • ޖޮބް-ފެއަރ ކުރިއަށްދާނީ 23،24 ގައި ހެނދުނު 10 އިން ރޭގަނޑު 10 އަކަށް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓާސްކްފޯސް ޓީމުގައި މަސައްކަތްކުރާނެ ފަރާތްތަކަށް ޚާއްސަކޮށްގެން ޖޮބް-ފެއަރއެއް ފަށައިފިއެވެ.

ވޯކް-އިން-އިންޓަރވިއުތަކެއް ގޮތަށް ބާއްވާ މި ޖޮބް-ފެއަރ ކުރިއަށްދާނީ މިއަދާއި މާދަމާ ދަރުބާރުގޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 2024 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އެ ކޮމިޝަންގެ ޓާސްކް ފޯހުގައި މަސައްކަތް ކުރުމަށް 100 އަށްވުރެ ގިނަ މީހުން ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި އިދާރީ އެކި މަސައްކަތްތަކަށް ބޭނުންވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި ޖޮބްފެއަރގައި ވަނީ ހުޅުވާލާފައެވެ.

އެގޮތުން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރު، އެސިސްޓެންޓް މެނޭޖަރ، ސީނިއަރ އޮފިސަރ، ސީނިއަރ އޮފިސަރ މީޑިއާ، އަދި ސީނިއަރ ފޮޓޯގްރާފަރ ހިމެނެއެވެ. އަދި ގްރެފިކް ޑިޒައިނަރ، އޮފިސަރ، ޓެކް އޮފިސަރ، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް އޮފިސަރ، ސެކިޔުރިޓީ އޮފިސަރ، ޑްރައިވަރ އަދި މަސައްކަތު މީހުން ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

ޖޮބް-ފެއަރގެ ތެރެއިން މި މަޤާމުތަކާގުޅޭ މަޢުލޫމާތު އިލެކްޝަންސްގެ އޮފިޝަލުން ފޯރުކޮށްދޭނެއެވެ. މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑާއި، ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް ގެނައުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

މަޖިލިސް އިންތިޚާބުގެ ޓާސްކްފޯހުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގެ އިތުރުން އިލެކްޝަނުން ބޭއްވުމަށް ތައްޔާރުވަމުންދާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 350 އެއްހާ މީހުން ބޭނުންވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސްއިން ދެން އެންމެ އަވަހަށް ބޭއްވުމަށް ތައްޔާރުވަމުންދަނީ މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށާއި، މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށެވެ. މި ބައި-އިލެކްޝަން އޮންނާނީ އަންނަމަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.