ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައި މެންޗެސްޓާ ސިޓީން، އަހަރެއްގެ ތެރޭގައި ފަސް ތަށި ކާމިޔާބުކުރި އިނގިރޭސި ފުރަތަމަ ޓީމުގެ ޝަަރަފު ހޯދައިފިއެވެ.
ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ ބްރެޒިލްގެ ފްލުމިނެންސޭއާ ވާދަކޮށް ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މޮޅާއެކު މި އަހަރުގެ ތެރޭގައި ސިޓީން ފަސް ތަށި އުފުލާލިއިރު، އެ ޓީމުން މީގެ ކުރިން ވަނީ މިިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި ސިޓީ އަކީ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ހަތަރުވަނަ ޓީމެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފަށައިގެން ފުރަތަމަ މިނެޓުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒްއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ސިޓީން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ފްލުމިނެންސޭގެ ނީނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ފިލް ފޯޑެންއެވެ. މިއީ އަލްވަރޭޒް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މަތެއުސް ނޫނޭޒް ދިން ބޯޅައަކުން އަލްވަރޭޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރޭގެ މެޗުގައި ސިޓީއަށް މޮޅު ކުޅުމެއް ދެއްކި އަލްވަރޭޒް ވަނީ އޭނާގެ އުމުރުން 23 އަހަރުގައި މިހާތަނަށް އައިރު 14 ޓްރޮފީއެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ސިޓީއާއެކު އަލްވަރޭޒް ކާމިޔާބު އަހަރެއް ހޭދަކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރު އާޖެންޓީނާއާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ރޭގެ މޮޅާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހަތަރުވަނަ ފަހަރަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 37 ވަނަ ޓްރޮފީއެވެ.