ޚަބަރު

އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ބާއްވައިފި


  • ފަންރަންގައި 6000އަށްވުރެ ގިނަ މީހުން ބައިވެރިވި

  • ފަންރަންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ބައިވެރިވެވަޑައިގެންފައި

  • ފަން ރަން ނިންމާލުމުގެ ގޮތުން މިއުޒިކް ޝޯއެއް މިރޭ އޮންނާނެ

އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ބާއްވައިފިއެވެ. މިފަން ރަން ބޭއްވީ ހުޅުމާލޭގައެވެ.

އުރީދޫ ފަން ރަންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެކި އުމުރާފުރާތަކުން 6000އަށްވުރެ ގިނަ މީހުން މިފަންރަންގައިވަނީ ބައިވެރިވެފައިވާ ކަމަށް އުރީދޫން މަޢުލޫމާތުދެއެވެ. ރަން ކުރިއަށް ދިޔައިރު ތަފާތު ކުޅިވަރު ހަރަކާތްތައްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފޯމް ޕާޓީއެއްވެސް ވަނީ ބާއްވާފައެވެ. އުރީދޫ ފަންރަންގައި ރަޖިސްޓްރީވެގެން ބައިވެރިވި ފަރާތްތަކުގައި މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތަށްވަނީ 2 ބޭފުޅަކަށް އެއް ރޭ ޖުމައިރާ ރިޒޯޓުގައި ހުރުމުގެ ފުރުސަތު ލިބިފައެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ޑްރޯން ރޭހެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭސް އޮންނާނީ މާދަމާ ހެނދުނު 9 އިން 12އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މިރޭހުގައި ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ވަނީ ބައިވެރިވެފައެވެ.

އުރީދޫ ޑްރޯން ރޭހުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން 1ވަނަ 2ވަނަ އަދި 3ވަނަ އަށް ދާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއްވެސް ވަނީ ހުށަހަޅާފައެވެ.

އުރީދޫ ފަންރަން ނިންމާލުމުގެ ގޮތުން ބާއްވާ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 12 ޖަހަންދެން ކުރިއަށް ދާނެއެވެ.