ޚަބަރު

ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބަންދެއް ނުކުރާނެ: ޝަހީބް


  • ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް އަދި މަޖައްލާއެއް ބްލޮކްނުކުރާނެކަމަށް ވިދާޅުވި

  • ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިިނުގައި ދެމެހެއްޓުމަކީ ސަރުކާރުގެ އަމާޒު

ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބަންދުނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިފަދައިން ވިދާޅުވެފައި މިވަނީ ޚަބަރުފަތުރާ ބައެއް އޮންލައިން ނޫސްތައް ސަރުކާރުން ބްލޮކްކުރަމުންދާ ކަމަށްބުނެ ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބް ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެކަމަށެވެ.

ޝަހީބް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.