ޚަބަރު

ތުރުކީން ދޭ 30 ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި


  • މިސްކޮލަރޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ނީޑްސް ލިސްޓްގައިވާ ދާއިރާތައް

  • މީގެ ތެރޭގައި 15 ބެޗްލަރސް ޑިގްރީ، 10 މާސްޓަރ ޑިގްރީ، 5 ޑޮކްޓޯރަލް ޑިގްރީ ހިމެނޭ

ތުރުކީވިލާތުން ރާއްޖެއަށް ދޭ ސްކޮލަރޝިޕްގެ 30 ފުރުސަށް ކުރިމަތިލާން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތުރުކީން ދޭ މިސްކޮލަރޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލަރސް ޑިގްރީ އާއި 10 މާސްޓަރ ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކޮލަރޝިޕްގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީވެސް ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ލިބޭ ޚަރަދުތަކާއި އެހެނިހެން މައުލޫމާތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ އިޢުލާންނާއި، ވެބްސައިޓާއި، ތުރުކީގެ ވެބްސައިޓުގައިވަނީ ހިމަނާފައެވެ.

މިސްކޮލަރޝިޕްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، ޢަބްދުالله އެރެންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ތުރިކީން ދޭ ސްކޮލަރޝިޕްތަކުގެ އަދަދު ވަނީ 30އަށް އިތުރުކޮށްދެއްވާފައެވެ.

މި ސްކޮލަޝިޕްއަށް ޝައުޤުވެރިވާ ފަރާތަކުން އަންނަ ޖެނުއަރީމަހުގެ 7ވަނަ ދުވަހުގެ 13:30އާ ހަމައަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އެޕްލިކޭޝަންތައް ވަޒަންކޮށް، ނަތީޖާ އާންމުކޮށް އިޢުލާން ކުރާނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ވެބްސައިޓުގައި ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.